Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

118 މީހުންނާ އެކު ލީބިއާގެ ބޯޓެއް ހައިޖެކްކޮށްފި

ފޮޓޯ: ރޮއިޓާސް

118 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ ލީބިޔާގެ ފްލައިޓެއް ހައިޖެކްކޮށް މޮލްޓާގައި މަޖުބޫރުން ލޭންޑް ކުރުވައިފި ކަމަށް އެއާލައިން އަފްރިޤިއްޔާ އެއާވޭސް އިން ކަށަވަރު ކޮށްދީފިއެވެ.

އެއާބަސް އޭ320 ލީބިޔާގައި އަފްރިޤިއްޔާ އެއާވޭސްގެ ފަރާތުން ދަތުރު ކުރަމުން ދަނިކޮށް ޑައިވާޓް ކޮށްފިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ފުރަތަމަ ރިޕޯޓް ކުރެވުނު ގޮތުންނަމަ، އެފްލައިޓް ހައިޖެކްކުރި ދެމީހުން ވަނީ އެޕްލޭން ބޮމަކުން ގޮށްވާލާނެ ކަމުގެ ބިރު ދައްކާފައެވެ.

މޮލްޓާގެ ބޮޑު ވަޒީރު ޖޯސެފް މަސްކެޓް ބުނި ގޮތުގައި ސަލާމަތީ ބާރުތައް ތިބީ ވަގުތުން މަސައްކަތް ކުރުމަށްޓަކައި ތައްޔާރަށެވެ.

މޮލްޓާ އިންޓަނޭޝަނަލް އެއާޕޯޓްއިން ޓްވިޓާގައި ބުނެފައިވާ ގޮތުން ޤަވާއިދާ ޚިލާފު ކަމެއް އެއާޕޯޓްގައި ވަނީ ހިނގާފައެވެ.

އަދި އެއާޕޯޓުން ބުނީ އިމާޖެންސީ ޓީމްތައް ފޮނުވާލެވިފައިވާ ކަމަށެވެ.

މޮލްޓާގައި މަސައްކަތްކުރާ ރޮއިޓާސްގެ ފޮޓޯގްރާފަރެއް ކަމަށްވާ ޑެރިމް ޒެމިޓް ލުޕީ ބީބީސީއަށް މަޢުލޫމާތު ދީފައިވާ ގޮތުން ހާދިސާ ހިނގާފައިވާ ސަރަޙައްދުގައި ވަރަށް ގިނަ އަދަދެއްގެ ސިފައިންނާއި ސަލާމަތީ ޚާއްސަ ބާރުތަކުގެ ވެހިކަލްތައް ޙަރަކާތްތެރި ވަމުންދާ މަންޒަރު ފެންނަ ކަމަށެވެ.

މޮލްޓާއަށް ދަތުރު ކުރަމުން އަންނަ ބައެއް ފްލައިޓްތައް ވަނީ އިޓަލީގެ ރަށެއް ކަމަށްވާ ސިސިލީއަށް ޑައިވާޓް ކުރެވިފައެވެ.