މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި މެރީޑިއަމްއާއި ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ނުވެ އެކުންފުނިން ޑީސަލް ގަތުމަށް އެމްޕީއެލް އާއި ދެކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހުނަސް އެހުކުމަށް އިހުތިރާމު ކުރާ ކަމަށް ސީއީއޯ ޖުނެއިދު ވިދާޅުވެއްޖެއެވެ.
ޖުނެއިދު މިމައްސަލައާ ބެހޭގޮތުން ވިދާޅުވެފައިވަނީ އެމްޕީއެލް ފަދަ ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް ކުޑަވެސް ނޭދެވޭ އަސަރެއް ކުރާ ނަމަ އެއީ ކުންފުނީގެ ސީއީއޯ ވަރަށް ގާތުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.
ސިވިލް ކޯޓަށް މެރީޑިއަމްގެ ފަރާތުން އެމްޕީއެލްއާއި ދެކޮޅަށް ހުށައެޅި ދެކުންފުނިން ހަދާފައިވާ އެއްބަސްވުމާއި ހިލާފަށް އެމްޕީއެލް އިން އެހެން ފަރާތްތަކުން ޑީސެލް ގަންނަމުންދާ މައްސަލަ ބަލައި ސިވިލް ކޯޓުން ވަނީ އެއްބަސްވުމާއި އެއްގޮތަށް މެރީޑިއަމް ނޫން އެހެން ފަރާތަކުން ޑީސެލް ނުގަތުމަށް އެމްޕީއެލްގެ މައްޗަށް ހުކުމް ކޮށްފައެވެ.
އެމްޕީއެލްއާއި ދެކޮޅަށް ނިމުނު މިމައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޖުނެއިދު ވިދާޅުވެފައިވަނީ ކޯޓުން ކުރި ހުކުމަށް އިހުތިރާމު ކުރާ ކަމަށެވެ.
ނަމަވެސް މައްސަލަ ނިމުނު ގޮތާއި މެދު އޭނާ ހިތްހަމަ ނުޖެހޭތީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި ހައި ކޯޓުން ކުރާ ހުކުމަށްވެސް އޭނާ އިހުތިރާމު ކުރާނެ ކަމަށް ޖުނެއިދު ވަނީ ވިދާޅުވެފައެވެ.