އިޒުރޭލާ ދެކޮޅަށް މިއަދު އ.ދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ދިވެހި ރާއްޖެއިން ތާއީދުކޮށް މަރުހަބާ ކިޔައިފިއެވެ.
ރާއްޖެއަށް އ.ދ އިން ކަނޑައަޅާފައި ހުންނެވި މަންދޫބު އަހުމަދު ސަރީރު ކުރެއްވި ޓުވީޓެއްގައިވަނީ މި ނިންމުމަކީ ތާރީޚީ ނިންމުމެއް ކަމަށާއި ދެގައުމު ދެމެދުގައި އެޅުނު ރަނގަޅު މަގެއް ކަމަށް ވިދާޅުވެފައެވެ.
#Maldives welcomes the #UNSC historic decision on ending Israeli settlements; an essential pathway towards a two-State solution pic.twitter.com/Iw0E2Bdggb
— Ahmed Sareer (@AhmedSareer) December 24, 2016
ފަލަސްތީނުގެ ބިމުގައި އިޒުރޭލުން ގެދޮރު އެޅުން ހުއްޓުވުމަށް ހުށައެޅި މިގަރާރު ފާސްވެފައިވަނީ އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ، އެމެރިކާއިން ވީޓޯ ނުކުރުމުންނެވެ.
މިސްރުން އ.ދ އަށް ހުށައެޅި މިގަރާރު އެގައުމުން ވަނީ ފަހު ވަގުތު އަނބުރާ ގެންގޮސްފައެވެ. ނަމަވެސް ގަރާރު އަނބުރާ އ.ދ އަށް ގެނެސްފައިވަނީ ނިއުޒީލެންޑް، މެލޭޝިޔާ، ވެނެޒުއޭލާ އަދި ސެނެގާލް ގުޅިގެންނެވެ.
ގަރާރު ފާސްކުރުމަށް 15 ގައުމުގެ ތެރެއިން 14 ގައުމު ވަނީ ވޯޓު ދެއްވާފައެވެ. ވޯޓުގައި ވަކިކޮޅަކަށް ވޯޓު ދީފައި ނުވަނީ އެމެރިކާ އިންނެވެ. ވޯޓުގެ ކުރިން އިޒުރޭލުގެ އޮފިޝަލުން ވަނީ އެމެރިކާއަށް އިޒުރޭލާ އެއްކޮޅަށް އެރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައެވެ.
މިއީ އިޒުރޭލާ ދެކޮޅަށް އެމެރިކާ އިން ނިންމި މިފަދަ ފުރަތަމަ ބޮޑު ނިންމުމެވެ. މިގަރާރު ފާސްވުމާއެކު އިޒުރޭލުން ފަލަސްތީނުގެ ބިންތައް ހިފައި އެ ބިންތަކުގައި އަޅާފައިވާ ގެތައް އިމާރާތް ކުރުމުގެ ގާނޫނީ ބާރު ގެއްލިގެންދާނެއެވެ.
ނަމަވެސް އިޒުރޭލު ވަނީ މިހާރު ގަރާރަށް ބޯނުލަނބާނެ ކަމަށް ކަނޑައެޅިގެން ބުނެފައެވެ.