އެސްޓިއޯއިން އައްޑޫއަށް ކާޑް ގެނައުމަށް ބަރުކޮށްފައި އޮތް ދޯންޏެއް ރޭ އަޑިއަށް ގޮސްފިއެވެ.
އެސްޓިއޯގެ އޮފިޝަލަކު ވިދާޅުވީ ފުށާއި، ހަނޑުލާއި ހަކުރުގެ 3000 ބަސްތާ އާއި އިތުރު ބައެއް ސާމާން އަރުވާ ބަރުކޮށްފައި އޮތް ދޯނި އަޑިއަށްދާން ފެށީ ރޭ ދަންވަރު 1 ޖަހާއިރު ކަމަށެވެ.
"ކަހަނބު" ނަމަކަށް ކިޔާ އެދޯނި ބަރުކޮށްފައި އޮތީ ޓީޖެޓީގައެވެ. އޮފިޝަލް ވިދާޅުވީ ދޯނި އަޑިއަށް ދިޔައީ ދޯނީގެ މަޑުލެއް ނެއްޓިގެން ކަމަށް ބެލެވޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ދޯނި އަޑިއަށްދާން ފެށުމުން އޭގައި ހުރި މުދަލުގެ ތެރެއިން ގިނަ މުދާ ދޯނިން ބާލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު މުދާ ދޯންޏާއި އެކު އަޑިއަށް ގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މުދަލާއި އެކު ފެތުނު ދޯނި ނެގުމުގެ މަސައްކަތް އެސްޓިއޯއިން މިހާރު ދަނީ ކުރަމުންނެވެ.