ށ. ޅައިމަގު އަންހެނުން ކޮމިޓީގެ ރައީސާ ޙަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހި މައްސަލަ އަދާލަތު ޕާޓީ އިން ކުށްވެރިކޮށްފިއެވެ.
އަދާލަތު ޕާޓީ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މުޖްތަމަޢްގެ ކޮންމެ ފަރުދަކަށް ވެސް އަމާންކަމާއި ރައްކާތެރިކަން ލިބިދޭންޖެހޭ ހިނދު، މިިފަދަ އަމަލުތައް ދިވެހި މުޖުތަމަޢުގައި ދުވަހެއް އިތުރުވަމުން އަންނަކަމީ އިންތިހާއަށް ކަންބޮޑުވެ ލަދުވެތިވާން ޖެހޭ ކަމެއް ކަމަށެވެ.
" ޚާއްސަކޮށް އަންހެނުންނާއި އަންހެން ދަރިންނާއި މެދު މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމަކީ އިސްލާމްދީނުގައި ވަރުގަދައަށް ނަހީކުރައްވާފައިވާ ކަންކަން ކަމަށްވާ ހިނދު، މިފަދަ އަމަލުތައް ދިވެހި މުޖުތަމަޢުގައި ދުވަހެއް އިތުރުވަމުން އަންނަކަމީ އިންތިހާއަށް ކަންބޮޑުވެ ލަދުވެތިވާން ޖެހޭ ކަމެކެވެ." އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
ހަލީމާ އާދަމްގެ މޫނަށް ކެމިކަލް ޖެހި މައްސަލަ އެއްވަނަ ދަރަޖައިގެ މައްސަލައެއް ގޮތުގައި ކުރިއަށް ގެންގޮސް މި މައްސަލައިގައި ކުށްވެރިވާ ފަރާތްތަކާއި މެދު ލަސްނުކޮށް ފިޔަވަޅު އެޅުމަށް ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް އަދާލަތުގެ ނޫސް ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މުޖްތަމަޢްގައި މިފަދަ އަމަލުތައް ތަކުރާރުވަމުން އަންނަހިނދު މިކަންކަމުގައި ޝާމިލުވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު ނޭޅޭނަމަ މިފަދަ ޢަމަލުތައް ނުހުއްޓި އިތުރުވަމުން ދިއުމުގެ ބިރުވެރިކަން އޮތްކަން ވެސް އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.
އަދި ދައުލަތުގެ އެކިފަންވަރުގައި އެކިއެކި މުއައްސަސާތަކާއި މަޤާމުތައް އުފައްދައިގެން މިފަދަ ޖަރީމާތައް ހުއްޓުވުމަށްޓަކައި މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިފަދަ ޢަމަލުތައް އިތުރުވަމުންދާތީ މިކަންކަމާމެދު އިތުރަށް ވިސްނާ، ލަސްނުކޮށް އަވަސް ފިޔަވަޅުތަކެއް އެޅުމަކީ މުހިއްމުކަމެއް ކަމުގައި އަދާލަތުން ވަނީ ފާހަގަކޮށްފައެވެ.
އަދާލަތުގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މުޖްތަމަޢްގެ އެކި ދާއިރާތަކުގައި އެކި ގޮތްގޮތުން އިސް މަޤާމްތަކާއި މަސްޢޫލިއްޔަތު އަދާކުރައްވާ އަންހެން ބޭކަނބަލުންނަށް އަމާޒުކޮށް މިފަދަ އުދުވާންތައް ހިންގަމުން ގެންދިއުމަކީ އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތިވާ ނުހަނުބޮޑު ގޮންޖެހުމެކެވެ.
"އާއިލީ މައްސަލަތަކާއި އިޖުތިމާޢީ ކަންކަމާއި އިޤްތިސާދީ އަދި ސިޔާސީ ދާއިރާގައި ވެސް ބިރުވެރިކަން އުފައްދައި އަނިޔާވެރިކަން އިސްކޮށްގެން ހައްލުހޯދަން އުޅުމަކީ އަދާލަތު ޕާޓީ އިންބަލައިގަންނަ ކަމެއް ނޫނެވެ. ހަމަ އެހެންމެ މިހުރިހާ ދާއިރާއެއްގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ނުދެވޭހާ ހިނދަކު ޤައުމު ކުރިއަރާ ތަރައްޤީވެގެން ނުދާނެއެވެ."
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލްޣަނީ އާއި ހަވާލާދީ ބައެއް މީޑީޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 50 ހަކަށް އަހަރުގެ ހަލީމާގެ ގަޔަށް ކެމިކަލް ޖެހީ ފަތިސް ނަމާދުކޮށް ނިންމުމަށް ފަހު ގޭގެ ބޭރު ދޮރު ހުޅުވާލި ވަގުތު، ދޮރު ކުރިމަތީ ހުރި މީހެއް ކަމަށް ހަލީމާ ބުނެފައިވާ ކަމަށެވެ.
ހަލީމާގެ މޫނަށް ކެމިކަލް ޖެހި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް މިހާތަނަށް ވަނީ 2 މީހަކު ގެންގޮސްފައެވެ. ފުލުސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 23 އަހަރާއި 21 އަހަރުގެ 2 ފިރިހެނުންނެވެ.
ހަލީމާގެ ގަޔަށް ޖެހީ ކޮން ކަހަލަ ކެމިކަލެއްކަން ނޭނގުނަސް، ހަލީމާގެ މޫނުމަތީގެ ކުލަ ބަދަލުވެ، މޫނު ދުޅަވި އެވެ. އެހެންވެ، އޭނާ އަށް މިހާރު އަންނަނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.