Last Updated: July 28, 10:12
Tuesday, July 28, 2026
ޚަބަރު

މަފާގެ މަރަށް ދައުވާ ލިބޭ މީހުންނަށް ހެކިންގެ ފުރުސަތު ގެއްލިއްޖެ

އަހުމަދު މަފާޒް:

އައްޑޫ ސިޓީ، މަރަދޫ ހުދުހިރި، އަހުމަދު މަފާޒަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހުންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން ހާޒިރު ނުކުރެވުމުން އިތުރު ފުރުސަތެއް ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މަފާޒު މަރާލި މައްސަލައިގައި ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ދިފާއީ ހެކީންގެ ހެކި ބަސް ނުނަގާ ގޮތަށް ނިންމީ ދިފާއީ ހެކީން ހާޒިރުކުރަން ދިން ފަހު ފުރުސަތުގައި ވެސް ހެކީން ހާޒިރުކުރެވިފައި ނުވާތީ އެވެ.

މަފާޒު މަރާލި މައްސަލައިގައި ދައުވާ ލިބޭ 3 މީހުންނަކީ، ހ. އީމާންމަންޒިލް، އަހުމަދު ސައީދާއި، ހ. ބްލޫބާޑްގޭ މުހައްމަދު މިދުހަތުގެ އިތުރުން ދަފްތަރު 1475، އަހްމަދު ރިމާޒް އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ 3 މީހުންގެ ފަރާތުން ހުށަހެޅި ހެކީން ހާޒިރުނުކުރެވުނީ ރަށުގައި ނޫޅޭތީ ކަމަށް ބުނެ އެމީހުން ހާޒިރު ކުރުމަށް އެހެން ފުރުސަތަކަށް އެމީހުންގެ ޤާނޫނީ ވަކީލް ޙަސީން އެދިވަޑައިގަތެވެ.

އެހެން ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ ނޮވެމްބަރު 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ހެކީން ހާޒިރުނުކުރެވުމުން ދެން އޮންނަ އަޑުއެހުމަކަށް ހެކީން ހާޒިރުކުރަން އަންގާފައިވާނެ ކަމަށެވެ.

އަދި މިއަދުގެ އެ އަޑުއެހުމުގައި ދިނީ ހެކީން ހާޒިރުކުރުމަށް ދެވޭ އެންމެ ފަހު ފުރުސަތު ކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ ދިފާއީ ހެކީން ހާޒިރުކުރުމަށް ދެން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށެވެ.

މިއަދުގެ އަޑު އެހުން ނިންމާލަމުން ގާޒީ ވިދާޅުވި ގޮތުގައި ދެން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އެ އަޑުއެހުމުގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.