ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނެއް ހަދައިގެން މުޅި ލާމަރުކަޒީ ނިޒާމް ކަފުންކޮށް ވަޅުލާފައިވާ ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޓްރާންޕޭރަންސީ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ "މަބައްސާ" ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވަނީ ލާމަރުކަޒީ ނިޒާމް ކުރިއެރުވުމަށް އެއްވެސް ސަރުކާރަކުން މަސައްކަތް ނުކުރާކަން ފާހަގަކުރައްވާފައެވެ.
އަލީ ޙުސައިން ވިދާޅުވި ގޮތުގައި މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ވެސް ލާމަރުކަޒީ ނިޒާމަށް ތާއީދުކޮށްފައި ވަނީ ހަމައެކަނި ބޭރުފުށުން ކަމަށެވެ.
" އެމްޑީޕީ ސަރުކާރުން ހަމަސް ދުވަހުގެ ތެރޭގައި ކުރަންޖެހޭ ކަންތައްތަކެއް ނުކުރޭ. ދެން މިސަރުކާރުން މިވަނީ މުޅި މިނިޒާމް ކަފުންކޮށް ވަޅުލާފައި އެސްއީޒެޑް ޤާނޫނެއް ހަދައިގެން." އަލީ ޙުސައިން ވިދާޅުވިއެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވަނީ ރަށެއްގައި އޮންނަ ބިންކޮޅެއްގައި ކަންކުރައްވާނެގޮތް މާލޭގައި ހުންނަ މިނިސްޓްރީއަކަށް އެނގުނީމާ ކައުންސިލްތަކަށް ކަން ކުރެވޭނީ ކިހިނެތްތޯ ސުވާލު އުފައްދަވާފައެވެ.
ލާމަރުކަޒީ ނިޒާމު ކުރިއެރުވޭނީ ރަށްރަށުގެ ބިންތަކުގައި ކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ދީ އެކައުންސިލްތައް ބާރުވެރިކޮށްގެން ކަން ފާހަގަކުރައްވައި އަލީ ޙުސައިން ވިދާޅުވީ ރާއްޖެއަށް އެފަދަ ނިޒާމެއް ނާންނަ ކަމަށެވެ.