Last Updated: July 28, 10:12
Tuesday, July 28, 2026
ކުޅިވަރު

ރެކޯޑް އަގަކަށް ރޫނީ ޗައިނާ ލީގަށް ގެންދަނީ

ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ ޗައިނާ ސުޕަ ލީގަށް ގެންދަން މަސައްކަތް ކުރަމުން ގެންދާކަމަށް ބައިނަލްއަޤްވާމީ ކުޅިވަރު ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

"އީއެސްޕީއެން" ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި، ޗައިނާގެ އެންމެ މުއްސަނދި ކްލަބްކަމަށްވާ ގުއަންޒޫ އެވަގްރޭޑުން އޮތީ ރޫނީ އަށް 7 ލައްކަ ޕައުންޑްގެ މުސާރައެއް ހުށަހެޅުމަށް ތައްޔާރަށެވެ.

އުމުރުން 31 އަހަރުގެ ރޫނީ ގެންދިއުމަށް ގުއަންޒޫ އެވަގްރޭޑުގެ އިތުރުން ބެއިޖިން ގުއޯން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވެއެވެ. މިދިޔަ އަހަރު ވެސް ބެއިޖިން ގުއޯން އިން ވަނީ ރޫނީ ގެންދިއުމަށް މަސައްކަތްކޮށްފައެވެ.

މެންޗަސްޓާރ ޔުނައިޓެޑްގެ ކޯޗް ކަމާއި ހޯސޭ މޮރީނިއޯ ހަވާލްވިފަހުން ރޫނީއަށް ފުރަތަމަ އެގާރައިން އެހާ ގިނައިން ފުރުސަތެއް ނުލިބެއެވެ. އެހެން ކަމުން ރޫނީ މެންޗަސްޓާރ ދޫކޮށް ދިއުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ފަރާތްތަކުން ޤަބޫލްކުރެއެވެ.

ރޫނީ ގެންދިއުމަށް ޗައިނާގެ ކްލަބްތަކުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް މިކަމާއި ބެހޭގޮތުން މެންޗަސްޓަރ އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާ ސުޕަ ލީގްގެ ކްލަބްތަކުން އަންނަނީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން އެ ލީގަށް ގެނައުމަށް ބޮޑެތި ޚަރަދުތައް ކުރަމުންނެވެ.