Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ފިލިޕިންސަށް ނޮކް-ޓެން ތޫފާން އަރައިފި

ފޮޓޯ: އޭޕީ

ފިލިޕިންސްއަށް އައި ވަރުގަދަ ނޮކް-ޓެން ތޫފާން ދަނީ އެޤައުމުގެ ވެރިރަށް ކަމަށްވާ އާބާދީ ބޮޑު މަނީލާއާއި ދިމާލަށް މިޞްރާބު ޖަހަމުންނެވެ.

ރައްޔިތުންގެ ސަލާމަތާއިބެހޭ އޮފިޝަލުން ވަނީ 'ރެޑް އެލާޓް' ނެރެފައެވެ. ޤަބޫލު ކުރެވޭ ގޮތުގައި ހޯމަ ދުވަހުގެ ފަހުކޮޅު އެތޫފާން މަނީލާ ސިޓީއަށް އަރާނެއެވެ.

އާދިއްތަ ދުވަހު އިރުމަތީ އައްސޭރިން ބިން ހަލާކުކުރުމަށްފަހު އެތޫފާނުގެ އަސަރު ކުޑަވެފައި ވިނަމަވެސް، މޫސުމާއިބެހޭ މާހިރުން ބުނާ ގޮތުގައި އެތޫފާން ދަނީ ގަޑިއަކު 140 ކިލޯމީޓަރުގެ ސްޕީޑްގައި ދައުރުވަމުންނެވެ.

ތޫފާނުގެ ސަބަބުން ފިލިޕިންސްގެ ގިނަ ސަރަހައްދުތަކުގައި ކަރަންޓު ކެނޑި، ގަސްތައް ބުޑުން އުފުރިފައި ވާއިރު، އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

މަނީލާގެ ސިވިލް ޑިފެންސް އޮފީހުން ވަނީ އެސިޓީއަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ އަދި ވައިގަދަ ވާނެކަމުގެ އިންޒާރުތައް ދީފައެވެ.

"އަޅުގަނޑުމެންގެ ލޯކަލް ޑިޒާސްޓާ ކައުންސިލްތަކުން ތިބީ ރެޑް އެލާޓްގައި"، ފިލިޕިންސްގެ ޑިޒާސްޓާ މޮނިޓަރިން ކައުންސިލްގެ ތަރުޖަމާނު މީނާ މަރާސިގަން ވިދާޅުވި ކަމަށް އޭއެފްޕީ އިން ރިޕޯޓް ކުރެއެވެ.

"މެޓްރޯ މަނީލާގައި އަޅުގަނޑުމެން ވަނީ ރިލީފް ސަޕްލައިތަކާއި ސަލާމަތީ އަދި މަގުތައް ސާފުކުރާ އިކުއިޕްމެންޓްތައް ބަހައްޓާފައި"، އޭނާ އިތުރަށް ވިދާޅުވިއެވެ.

ނޮކް-ޓެން (ފިލިޕިންސްގައި ނީނާގެ ނަން ލިބިފައިވާ) އެންމެ ފުރަތަމަ އަރާފައިވަނީ އާދިއްތަ ދުވަހު ކަޓަންޑުއެންސްގެ އައްސޭރިންނެވެ.

ބިކޯލް ސަރަހައްދުގައި އެތޫފާންގެ އަސަރު ކުރުމުގެ ބިރު ހީވެފައިވާ ހިސާބުތަކުން ގާތްގަނޑަކަށް 100،000 މީހުން ވަނީ ފެން ބޮޑުވުމާއި ފަރުބަދަތައް ވެއްޓުމުގެ ބިރު ހީވުމާއި ގުޅިގެން ހުސްކުރެވިފައެވެ.

އެހެންނަމަވެސް، ކެތޮލިކް ކްރިސްޓިއަނުންގެ އެންމެ ބޮޑު ބަންދު ކަމަށްވާ ކްރިސްމަސް ދުވަސް އާއިލާއާއިއެކު ހޭދަ ކުރުމަށްޓަކައި ފިލިޕިންސްގެ ބައެއް ރައްޔިތުން ގޭގައި މަޑުކޮށް، މީހުން ހުސްކުރުމަށް ދެވިފައިވާ އިންޒާރު ތަކަށް ސަމާލުކަން ނުދޭނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އެތައް ޑަޒަން ހާބަރުތައް ވަނީ ބޮޑެތި ރާޅުތައް އަރާނެ ކަމުގެ އިންޒާރު ލިބުމާއިއެކު ބަންދު ކުރެވިފައެވެ.

ލަފާކުރެވޭ ގޮތުގައި މިތޫފާން ލޫޒާން ރަށަށް އެރުމަށްފަހު މިޞްރާބު ޖަހާނީ ދެކުނު ޗައިނާ ކަނޑަށެވެ.

އޮކްޓޯބަރު މަހު ސުޕާ ޓައިފޫން ހައިމާވަނީ އެޤައުމަށް އަރާ މަދުވެގެން ހަތަރު މީހުން މަރާފައެވެ.

2013 ވަނަ އަހަރު ހައިޔާން ތޫފާންގެ ސަބަބުން ވަނީ 7،350 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.