ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް އެނާޖީ ޑްރިންކް ބުއިމާއި ވިއްކުން މަނާކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އަލަށް ނެރުނު މިޤަވާއިދަށް ޢަމަލު ކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ސްޓޭޓް މިނިސްޓާ އޮފް އެޑިއުކޭޝަން އަހުމަދު ޝަފީއު ސޮއިކުރައްވާ އާންމުކޮށްފައިވާ ސާކިއުލާ މިއަދު ވަނީ ހުރިހާ ސްކޫލްތަކަށް ފޮނުވާފައެވެ. އެސާކިއުލާގައި ވާގޮތުން އެޤަވާއިދު ތަންފީޒް ކުރުމަށް ރައީސް އޮފީހުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވާފައެވެ.
މިޤަވާއިދުގެ ދަށުން މަނާ ކުރެވޭނެ ކަންތައްތަކުގެ ތެރޭގައި ސްކޫލްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކުގައި އެނާކީ ޑްރިންކްތަކާއި އެޑްރިންކްތަކުގެ ސްޕޮންސަރުން ބޭނުން ކުރުމާއި، ސްކޫލްތެރޭގައި އެނާޖީ ޑްރިންކް ވިއްކުމާއި ބުއިންވެސް ހިމެނެއެވެ. މިގޮތަށް ޢަމަލު ކުރުމުގެ ބޭނުމަކީ އެނާޖީ ޑްރިންކްތަކުން ސިއްޙަތަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފޮނުއްވި ސާކިއުލާގައިވާ ގޮތުން އެނާޖީ ޑްރިންކްތަކުގެ އިޝްތިހާރުތައް ސްކޫލްތަކުގައި ތިބޭ ފަރާތްތަކަށް ފެންނަގޮތަށް މަގުމަތިންނާއި އިމާރާތްތަކުގައި ހަރުކުރުންވެސް ވަނީ މަނާ ކުރެވިފައެވެ.
"ވީމާ، އެނާރޖީ ޑްރިންކްސްއިން ޞިއްޙަތަށް ލިބޭ ގެއްލުމުން ކުޑަ ކުދިންނާއި ސްކޫލްތަކުގެ ދަރިވަރުން ރައްކާތެރިކުރުމަށްޓަކައި ރައީ ސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންގެވުމާ އެއްގޮތަށް، ހުރިހާ ސްކޫލްތަކުންވެސް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ." އެ ސާކިއުލާގައި ވެއެވެ.
ސްކޫލްތަކުގެ ވަށައިގެންވާ އެއްވެސް މަގެއްގައި އެނާޖީ ޑްރިންކްތަކުގެ އިޝްތިހާރެއް ހަރުކޮށްފައި ވާނަމަ، މާލޭގައި އެކަން އެޑިއުކޭޝަން މިނިސްޓްރީއަށް އަދި އަތޮޅުތަކުން ނަމަ، ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލްތަކަށް ރިޕޯޓް ކުރުމަށް މިނިސްޓްރީން ވަނީ އަންގާފައެވެ.