އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ޚާއްސަ އޮޕަރޭޝަންގައި 9 މީހަކު ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިންޓެލިޖެންސާއި އައްޑޫ ސިޓީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގަމުންދާ ޚާއްސަ އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 9 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 16 އަހަރާއި 53 އަހަރާއި ދެމެދުގެ ފިރިހެނުންނެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އައްޑޫގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފަޅުގޯތިތަކާއި އެކި ސަރަޙައްދުތައް ބަލައި ފާސްކުރިއިރު އެތަންތަނުގެ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ވަނީ ހޯދިފައެވެ.
ފުލުހުންގެ އޮޕަރޭޝަނުގައި ހޯދި ބައެއް ތަކެތި:
ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 30 ލީޓަރުގެ ހަމަކާއި 20 ލީޓަރުގެ ދެ ހަމާއި 1.5 ލީޓަރުގެ ދެ ފުޅި އާއި
ބަނގުރާ ދެ ފުޅި އަދި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓަކާއި ބިއްލޫރި ފުޅިއެއް.
މަސްތުވާތަކެތީގެ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އައްޑޫގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނީ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.