އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް" ނަމަށް ބަދަލު ކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެއާޕޯޓްގެ ނަން "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް" ނަމަށް ބަދަލު ކުރަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ.
އަދި އެގޮތަށް ނަން ބަދަލު ކުރަން ފާސް ކުރީ "ވެލާނާ" އެނަމަކީ އިބްރާހިމް ނާސިރަށް ނިސްބަތްވާ ނަމަކަށް ވުމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން "އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް" ނަމަށް ބަދަލު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.
ރައީސް އޮފީހުން ވަނީ އެ އެއާޕޯޓް ވުޖޫދަށް ގެނައުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު މޭ 1، 1964 ގައި ފެއްޓެވި މަޝްރޫއު ފާހަގަކޮށްފަ އެވެ.
އެގޮތުން އެ ނިންމެވުމަކީ ރާއްޖެ އިން އިގުތިސޯދީ އަދި ހާރިޖީ ދާއިރާ އިން ތަރައްގީގެ މަގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށް ރައީސް އޮފީހުން ބުންޏެވެ.