Last Updated: June 26, 10:52
Friday, June 26, 2026
ރިޕޯޓް

ޓޫރިޒަމް މިނިސްޓަރު ޒަމީރަށް ވަރަށް ސަލާން!

ދިވެހިރާއްޖޭގެ އިއްޒަތްތެރި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރަށް ވެދުންސަލާމަށް ފަހު ދަންނަވަމެވެ.

ޓޫރިޒަމް މިނިސްޓަރ ކަމަށް މަނިކުފާނު އައްޔަން ކުރެއްވުމާއި އެކު އައްޑޫއަށް ވަޑައިގެން ވަރަށް ގިނަ ހުވަފެންތަކެއް މަނިކުފާނު ވަނީ އައްޑޫގެ ރައްޔިތުންނަށް ދައްކަވާފައެވެ. ފަޅުރަށެއް އޮތިއްޔާ އެރަށަކަށް ބައްލަވައިގެން ހުރެ ވިދާޅުވެވުނު ވާހަކައެއް މިއަދު މަނިކުފާނު ހަނދުމަފުޅު ހުންނަވާނެ ހެނެއް ވެސް ހިއެއް ނުވެއެވެ.

އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށް މަނިކުފާނު 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހު އައްޑޫއަށް ވަޑައިގެން ދެއްކެވި ބައެއް ވާހަކަފުޅު ހިމަނާލާނަމެވެ.

އައްޑޫ ސިޓީގައި ޓޫރިސްޓުންނަށް ހާއްސަކޮށް އިތުރު 4000 އެނދު ތަރައްގީ ކުރައްވާނެ ކަމަށް މަނިކުފާނު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ މަޝްރޫއުތައް އައްޑޫ ސިޓީގައި ފެށުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އަދި އައްޑޫ އަކީ ބޮޑު އާބާދީއަކަށް ވާ އިރު ސަރުކާރުން މަސައްކަތް ކުރަނީ ޓޫރިޒަމް ފަދަ އިގްތިސާދީ މަސައްކަތްތައް އިތުރުކޮށްގެން އެ ސިޓީގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ކަމަށް މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ އައްޑޫގައި ފެށުމަށް ހަމަޖެހިފައިވާ ގެސްޓް ހައުސް އައިލެންޑްގެ މަސައްކަތް، އިސްމެހެލާ ހެރަ ތަރައްގީގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށައިގަނެވޭނެ ކަމަށް ވެސް މަނިކުފާނު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ ކަމަކީ ބުރަ މަސައްކަތެކެވެ. އެހެންކަމުން މަނިކުފާނު ފަހަރެއްގައި ހަމަ މިވާހަކަތައް ވިދާޅުވިކަން ހަނދުމަފުޅު ނެތިދާނެއެވެ. އެކަމާއި އަޅުގަނޑުމެން އައްޑޫ ރައްޔިތުންގެ އެއްވެސް ހިތް ބުރަކަމެއް ނެތެވެ.

އައްޑޫގެ ފަސްގަނޑުގައި ފައިތިލަ ޖެހޭ ހިސާބުން، މިނިސްޓަރުންނާއި ސަރުކާރުގެ ވެރިންނަށް ވާގޮތް އައްޑޫ ރައްޔިތުންނަށް އެނގެއެވެ. "ތަރައްޤީކުރާނަން، މިކަން ކޮށްދޭނަން" މިއީ މި އައްޑޫއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު މަނިކުފާނު ފަދަ ބޭފުޅުން ވިދާޅުވާ ވާހަކަތަކެވެ. އައްޑޫ އިން ފުރާވަޑައިގަތުމުން އެވާހަކަތައް ހަނދުމަފުޅުނެތެނީއެވެ.

އަޅުގަނޑަކީ ސައިންޓިސްޓެއް ނޫނެވެ. އެހެން ނަމަވެސް އައްޑޫ އިން ފުރައިގެން ފުރަ މާލެއަށް ދަނީ އީކުއޭޓަރ ހުރަސްކޮށްފައި ކަމަށް ވާތީ، އެ ހިސާބުގައި މާބޮޑަށް ހޫނު ގަދަވުމުގެ ސަބަބު ސިކުނޑިއަށް އޭގެ އަސަރުކޮށް ، ދެއްކެވި ވާހަކަތައް އާވިއަށް ބަދަލުވެގެން އެ ވަޢުދުތަކުގެ މަތިން ހަނދުމަފުޅުނެތި ވަޑައިގަތުން އެކަށީގެންވެއެވެ.

ޢިއްޒަތްތެރި މިނިސްޓަރ އެވެ. މަނިކުފާނުއަށް އައްޑޫގެ ރައްޔިތުން އުޅެމުންދާ ޙާލު ވަޒަން ނުކުރެވިދާނެއެެވެ. ވަޒީފާއެއް ނެތި މާޔޫސްކަމުގައި ތިބީ ކިތައް ޒުވާނުންކަން މަނިކުފާނަށް އެނގިވަޑައިގަންނަވާ ހެއްޔެވެ؟ އެ ޒުވާނުންނަށް އޮތް ހަމައެކަނި ގޮތަކީ، ކަންމަތީގައި ފާރު މަތީގައި ތިބުމެވެ. އެހެން ނޫންނަމަ "އަޅު މާލެ" އަށް ކުލި ދައްކަން ދިއުމެވެ.

އައްޑޫގެ ޒުވާނުން ވެސް ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން ބޭނުމެވެ. އެކަން ޚުދު މަނިކުފާނަށް ވަރަށް ރަގަޅަށް އެނގިލައްވާނެއެވެ. މަނިކުފާނުގެ މިނިސްޓަރ ކަމަށް އަހަރު ވެގެން ދާއިރު މި ސިޓީގެ ތަރައްޤީއަށް ކޮށްދެއްވީ ކޮންކަމެއްތޯއެވެ؟

މަނިކުފާނަށް ކަންތައް ކޮށް ނުދެއްވޭނެ ނަމަ އެވާހަކަ ވިދާޅުވާށެވެ. އަޅުގަނޑުމެން ހިތުން ރުހުމުން އެވާހަކަ ޤަބޫލު ކުރާނަމެވެ.

ފުރަތަމަ ކަމަކީ، އަޅުގަނޑުމެން ރައްޔިތުން ގާތަށް ވަޑައިގެން އިތުރުފުޅު ހެއްދެވުން މަނިކުފާނު ހުއްޓަވާލައްވާށެވެ. އޭގެ ސަބަބުން މަނިކުފާނު ތަމްސީލުކުރައްވާ ސަރުކާރަށް އަދި މަނިކުފާނަށް ވެސް ސިޔާސީ ގޮތުން ލިބޭނީ ހަމަ ގެއްލުމެވެ. ދެވަނައަށް އަޅުގަނޑުމެން އެދޭ ކަމަކީ، އިސްމެހެލާ ހެރަ އާއި ހަންކެނޑެ އަދި އައްޑޫގެ ދެން ހުރި ފަޅު ރަށްތައް، ނުއަގުގައި ވިއްކާ ނުލުމެވެ.

އެހެން ނަމަވެސް މަނިކުފާނުގެ ކިބައިން އެދޭ ދެކަމެއް އެބައޮތެވެ. ފުރަތަމަ ކަމަކީ، އަޅުގަނޑުމެން ރައްޔިތުން ގާތަށް ވަޑައިގެން އިތުރުފުޅު ހެއްދެވުން މަނިކުފާނު ހުއްޓަވާލައްވާށެވެ. އޭގެ ސަބަބުން މަނިކުފާނު ތަމްސީލުކުރައްވާ ސަރުކާރަށް އަދި މަނިކުފާނަށް ވެސް ސިޔާސީ ގޮތުން ލިބޭނީ ހަމަ ގެއްލުމެވެ.

ދެވަނައަށް އަޅުގަނޑުމެން އެދޭ ކަމަކީ، އިސްމެހެލާ ހެރަ އާއި ހަންކެނޑެ އަދި އައްޑޫގެ ދެން ހުރި ފަޅު ރަށްތައް، ނުއަގުގައި ވިއްކާ ނުލުމެވެ. އިންވެސްޓަރުން ނުލިބެންޏާ ނުލިބުނު ވާހަކަ އަންގާލަ ދެއްވާށެވެ. "ފޮރިވިފައިވާ" ނިޒާމެއްގެ ތެރެއިން އައްޑޫގެ ފަޅުރަށްތައް ވިއްކާ ހުސްކުރެވޭ މަންޒަރު ބަލަން އަޅުގަނޑުމެން އައްޑޫގެ އެއްވެސް ރައްޔިތެއްގެ ލަގޮނޑިއަކަށް ކެތެއް ނުވާނެއެވެ.

ފޭދޫ ފިނޮޅު ވިއްކާލި ފަދަ އަގަކަށް އައްޑޫގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާލަން އައްޑޫގެ ރައްޔިތުން ހަމަ ހިލާ ބޭނުމެއް ނުވާނެއެވެ. ފަހަރެއްގައި ވެރިކަމުގެ މަތީފަޑިން ލިބޭ ނާޖައިޒު މަންފާތަކަށްޓަކައި ބަޔަކު މީހުން އެކަމަށް ރުހިދާނެއެވެ. އެހެން ނަމަވެސް އައްޑޫ ދެކެ ލޯބިވާ އެއްވެސް ދަރިއަކު އެކަމާ ނުރުހޭނެއެވެ.

ޢިއްޒަތްތެރި ޓޫރިޒަމް މިނިސްޓަރު އެވެ. މަނިކުފާނު އައްޑޫއަށް ވަޑައިގެން ޓޫރިޒަމޭ 4000 އެނދޭ، ވަޒީފާގެ ފުރުސަތޭ، އައްޑޫގެ ތަރައްޤީ އޭ، އިސްމެހެލާ ހެރައޭ ވިދާޅުވެ މަނިކުފާނު ވާހަކަ ދެއްކެވީމާ އަޅުގަނޑުމެން ގާތަށް ހިނި އާދެއެވެ! "މަހެއް ހާ ދުވަހުގެ ތެރޭގައި މަސައްކަތް ފަށާނެ" ކަމަށް ބުނި އިސްމެހެލާހެރަ ކޮބައި ހެއްޔެވެ؟

ހުސްބުޅީގައި ބާނާ ކަންނެލި މަސް ކައިގެން އުޅުނެއް ކަމަކު މަނިކުފާނު ފަދަ ސިޔާސީ ބޭފުޅުން ހައްދަވާ އިތުރުފުޅުތަކަށް ހެއްލޭ ވަރަށް ވުރެ، ﷲ އިރާދަކުރެއްވިއްޔާ މި އައްޑޫގެ ރައްޔިތުން މާ ހޭލުންތެރިއެވެ.

ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައްޔިތުންނަށް އޮޅުވާލައި އެމީހުންނަށް މަކަރާއި ޙީލަތް ހެދުމަކީ، ކޮންކަހަލަ ކަމެއްކަން އަޅުގަނޑުމެންނެކޭ އެއްފަދައިން މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރަމެވެ.

ޝުކުރިއްޔާ!