މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ޓަގު ބޯޓެއް ބަނުމަށް ފަހު އެއަށް ފައިސާ ނުދައްކާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދެއްކުމުގެ ސަބަބުން 160 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަަށް ހުކުމް ކޮށްފިއެވެ.
އިއްޔެ ސިވިލް ކޯޓުން އެމްޕީއެލް އާއި ދެކޮޅަށް ކުރި ހުކުމުގައި 2008 ވަނަ އަހަރު ސެންޓަ އެންޓަޕްރައިސް އާއި އެމްޕީއެލްއާއި ދެމެދު ހެދުނު އެއްބަސްވުމުގައި ޓަގު ބޯޓު ބަނުމުގެ މަސައްކަތް ނިމި، ބޯޓަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާއާއި އެ ފައިސާ ނުދައްކާ އޮތް މުއްދަތަށް ދައްކަން ޖެހޭ ޖޫރިމަނާގެ ފައިސާ އަދި އެހެނިހެން ފީ އާއެކު 160 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައިވެއެވެ.
މިމައްސަލާގައި އެމްޕީއެލް އިން ބޯޓަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ އިތުރުން ސާޗާޖުގެ 6.3 މިލިއަން ރުފިޔާ އަދި ޖީއެސްޓީގެ އަށް ލައްކަ ރުފިޔާއާއެކު 21.1 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. 138.9 މިލިއަން ރުފިޔާ ދެއްކުމަށް ކޯޓުން އަމުރުކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައެވެ.
މިމައްސަލައިގައި އަސްލު އެމްޕީއެލް އިން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދަކީ 277 މިލިއަން ރުފިޔާއެވެ. ނަމަވެސް ކޯޓުން ވަނީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް މިފަދަ މައްސަލަތަކުގައި އަމަލު ކުރާ ބީދާއިން ޖޫރިމަނާގެ ދެބައިކުޅަ އެއްބައި ދެއްކުމަށް އެމްޕީއެލްއަށް ހުކުމް ކޮށްފައެވެ.