އެލެކްސް ފާގަސްން ގެ ރިޓަޔާމެންޓަށްފަހު ކުލަބުގެ މެނޭޖަރުކަމަށް ގެނެވުނު ޑޭވިޑް މޮޔެސް މަގާމުން ވަކިކުރުމަށްފަހު ފުރަތަމަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑުގެ ދަނޑަށް އެނބުރި އައިސް ކުޅުނު މެޗު ޔުނައިޓެޑު 1-3 އިން ކާމިިޔާބުކޮށްފިއެވެ.
ސަންޑަލޭންޑުގެ މެނޭޖަރުގެ މަގާމާއި މިސީޒަނުގައި މޮޔެސް ހަވާލުވެފައިވާއިރު އޭނާއަށް އެދެވޭ ނަތީޖާއެއް މިހާތަނަށް ނުނެރެވިފައެވެ. ކުޅުނު 18 މެޗުގެ ތެރެއިން އެންމެ ހަތަރު މެޗުން މޮޅުވި ނަމަވެސް މޮޔެސް އޮލްޑް ޓްރެފޮޑްއަށް އެނބުރި އައީ ފޮނި އުއްމީދުތަކާއެކުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސަންޑަލޭންޑުން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު ޔުނައިޓެޑުގެ ޑިފެންސު ލައިނަށް ފުލުފުލުގައި ބާރުބޮޑު ކުރަމުން އައެވެ. ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ޑިފެންޑަރު މާކޮސް ރޯހޯ، އިބްރަހިމޮވިޗް އަދި ޑެލީ ބްލިންޑު، ތިން ކުޅުންތެރިންގެ ހިތްގައިމު ޕާސްތަކުން ސަންޑަލެންޑު ޑިފެންސް ފޫއަޅުވާފައި ޔުނައިޓެޑުން ވަނީ ގޯލު ޖަހާފައެވެ.
ބްލިންޑުގެ ގޯލަށްފަހު ސަންޑަލެންޑުގެ ގޭމް ޕްލޭން އެއްކޮށް ބަދަލުވެ ޑިފެންސަށް ވިސްނައިގެން ފަހަތުގައި މަޑުކޮށް ހާފު ނިންމާލާފައިވެއެވެ.
ދެވަނަ ހާފު ފެށިގެން ޔުނައިޓެޑު ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އަވަސް ބޯޅަ ކުރިއަށް ކުޅެ ސަންޑަލޭންޑު ޑިފެންސު ފޫއަޅުވަމުން ދިޔަ ނަމަވެސް އިތުރު ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗުގެ 62 ވަނަ މިނެޓުގައި ޖެސީ ލިންގާޑުގެ ބަދަލުގައި މިޚިތަރިޔާން ކުޅެން ނިކުތް ފަހުން ޔުނައިޓެޑަށް އާހިތްވަރެއް ލިބުނެވެ. ކުޅުން އަވަސްވެ އަނެއްކާވެސް ހަމަލާތައް ގިނަވާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ޕޮގްބާ ދިން ބޯޅައަކުން އިބްރަހިމޮވިޗް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް މެޗުގެ ލީޑު ނަގާފައެވެ.
މެޗުގެ 86 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ނަގައިދިން ބޯޅައަކުން ޔުނައިޓެޑުގެ ތިންވަނަ ގޯލު ޖަހާފައިވަނީ މިޚިތަރިޔާންއެވެ. އޭނާގެ ފަރާތުން ފެނުނު ހިތްގައިމު ގޯލަކީ މިސީޒަނުގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.
މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގައި ސަންޑަލޭންޑުގެ ބޮރީނީ ވަނީ އެ ޓީމަށް ގޯލެއް ކާމިޔާބުކޮށް ސަންޑަލޭންޑަށް ކުޑަ ހިތްހަމަޖެހުމެއް ހޯދާދީފައެވެ. ނަމަވެސް 14 ޕޮއިންޓާއެކު ސަންޑަލޭންޑު އޮތީ ތާވަލުގެ 18 ވަނައިގައެވެ.