ބޮލީވުޑްއަށް މުޅިން އާ ދެ ތަރިން ކަމަށްވާ ފާތިމާ ސަނާ ޝެއިޚް އަދި ސާންޔާ މަލްހޯތްރާ ތަޢާރާފް ވެގެންދާ ފިލްމް ކަމަށްވާ އާމިރް ޚާންގެ ކްރިސްމަސް ރިލީޒް "ދަންގަލް" އިން ހަތަރުދުވަހުގެތެރޭގައި 132 ކްރޯޑް ރުޕީސް ހޯދައިފިއެވެ.
މިހާތަނަށް އެފިލްމްގެ ޖުމްލަ ފައިދާ ވަނީ 132.43 ކްރޯޑް ރުޕީސްއަށް އަރާފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީހޯމަ ދުވަހު އެ ފިލްމުން ހޯދި 25 ކްރޯޑް ފާހަގަކޮށްލެވެއެވެ.
އެއާއި އެކު މިފިލްމް ވެގެން ގޮސްފައިވަނީ މިހާތަނަށް ހޯމަ ދުވަހެއްގައި އެންމެ ގިނަ އާމްދަނީ ހޯދި ތިންވަނަ ފިލްމަށެވެ. ދަންގަލްގެ ކުރީގައި ވަނީ ރިތިކް ރޯޝަންގެ 'ކްރިޝް 4' އަދި ސަލްމާން ޚާންގެ 'ބަޖްރަންގީ ބައިޖާން'އެވެ. އެހެންނަމަވެސް، އެދެފިލްމް އެންމެ ގިނައިން ފައިސާ ހޯދި ހޯމަ ދުވަސްތަކަކީ ބަންދު ދުވަސްތަކެކެވެ.
އެހެންކަމުން، މިދިޔަ ހޯމައަކީ ބަންދަކަށް ނުވިނަމަވެސް 'ދަންގަލް' ވަނީ ވަރަށް ބޮޑު ފައިދާއެއް ހޯދާފައެވެ. އެއާއިއެކު 'ދަންގަލް' ވެގެންދަނީ ބަންދުނޫން ހޯމަ ދުވަހެއްގައި އެންމެ ގިނަ ފައިދާ ލިބުނު ފިލްމަށެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް އާމިރް ޚާން ޕްރޮޑަކްޝަންސްއިން އުފައްދާފައިވާ މި ޑްރާމާ ފިލްމް ދަނީ އިރުމަތީ ޕަންޖާބްގައި ވަރަށް ބޮޑަށް ހިޓް ވަމުންނެވެ. އެފިލްމް ޕަންޖާބްގެ ހަރިޔާނާގައި ސެޓްކޮށްފައި ހުރުމަކީ އެކަމުގެ ސަބަބެއް ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ ގުޖްރާތާއި ހުޅަނގު ބެންގާލްގައިވެސް އެފިލްމަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
'ދަންގަލް' އަކީ އިންޑިއާގެ ރެސްލާ އަދި ރެސްލިން ކޯޗެއް ކަމަށްވާ މަހާވީރް ސިންގް ފޯގާޓްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
'ދަންގަލް' އާއި ބޮކްސް އޮފީހުގައި ވާދަކުރާނެ އެހެން ފިލްމެއް ކުރިއަށް އޮތް ހަފްތާތަކުގައި ރިލީޒް ކުރަން ހަމަޖެހިފައި ނުވާއިރު ވިޔަފާރީގެ މާހިރުން ބުނާ ގޮތުގައި އެފިލްމަށް ފުރަތަމަ ހަފްތާގައި އެކަނިވެސް ގާތްގަނޑަކަށް 185 ކްރޯޑްގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.