Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ޖެޓް އެއާވޭސް ކައްސާލައި 12 މީހަކަށް އަނިޔާވެއްޖެ

ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ޖެޓް އެއާވޭސްގެ ބޮއިންގް 737 ފްލައިޓް ގޯއާ އެއާޕޯޓްގެ ރަންވޭއިން ޓޭކް-އޮފް ކުރުމަށްޓަކައި ދުއްވާފައި ދިޔަ މިސްރާބު ބަދަލުވުމުން މަދުވެގެން 12 ދަތުރުވެރިންނަށް އަނިޔާވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޖެޓް އެއާވޭސްއިން ބުނާ ގޮތުގައި 154 މީހުންނާއިއެކު ދަތުރު ކުރަމުންދިޔަ އެބޯޓް ރަންވޭއިން ކެޓީ ޓެކްނިކަލް ފެއިލިއާއެއްގެ ސަބަބުން ކަމަށެވެ.

އެހެންނަމަވެސް އެހާދިސާ ހިނގި ގޮތުގެ ސީދާ ތަފްސީލްތަކެއް ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ޑިސެމްބަރަކީ ގޯއާ ސްޓޭޓްގެ ވެރިރަށް ޕަންޖިމްގެ ޑެބޮލިމް އެއާޕޯޓް އެންމެ ބިޒީވާ މަހެވެ.

ޓިވީ ކަވަރޭޖުތަކުން ވަނީ އަނިޔާވެފައިވާ މީހުންނާއި ބިރުގަނެފައިވާ ދަތުރުވެރިން ދައްކާފައެވެ. އަދި ބައެއް މީހުން ސްޓްރެޗާތަކުގައި ގެންދާތަންވެސް ފެނެއެވެ.

އެފްލައިޓްގެ ކުރިމަތީ އަންޑަކެރިޖާއި އޭގެ އެއް ފިޔަ ވަނީ ފްލައިޓްގެ ބޮޑީ ފްރޭމްއާއި އިންޖީން ކޭސިންތަކުގެ އެހީގައި ހުއްޓުމަކަށް ގެނައުމުގެ ސަބަބުން ހަލާކު ވެފައެވެ.

އަނިޔާވި ގިނަ މީހުންގެ ގައިގެ ތަންތަން ކަނޑައިގެން ދިޔުން ނޫން އެހެން ކަމެއް ވެފައި ނުވިނަމަވެސް، ބައެއް މީހުންގެ އަނިޔާތައް ސީރިއަސްއެވެ.

"އަހަރެންގެ ފައި ވަނީ ފްރެކްޗާ ވެފައި. ފްލައިޓް ރަންވޭގައި ދުވަން ފެށުމުން ވަނީ ކައިރީގައި އޮތް ސަރަހައްދަކަށް ކައްސާލައިގެން ގޮސްފައި. އަދި ފްލައިޓް ތެރޭގައި ދުންވެސް ވަނީ ފެތުރިފައި"، އެފްލައިޓުން ދަތުރު ކުރި ދިނޭޝް ކުމާރު ބުންޏެވެ.

ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުންދާ އެއް އިޤްތިޞާދު ކަމަށްވާ ވައިގެ މަގުން ދަތުރުފަތުރު ކުރުން ދަނީ އިންޑިއާގައި ވަރަށް ބޮޑަށް މަޤްބޫލް ވަމުންނެވެ.

2015 ވަނަ އަހަރު އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ފްލައިޓްތަކުގެ ފަސިންޖަރުންގެ އަދަދު ވަނީ 21 އިންސައްތަ އިތުރުވުމާއިއެކު 80 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. އަދި އިންޑިއާގެ ސަރުކާރުން ލަފާ ކުރާގޮތުގައި މިއަދަދު ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިތުރުވެގެން ދާނެއެވެ.

ޖެޓް އެއާވޭސް އަކީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ރޫޓްތަކަށް ބަލާއިރުވެސް އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިންއެވެ.