ސްޓަ ވޯސް ސީރީސްގައި ޕްރިންސެސް ލީއާގެ ރޯލުން މަޝްހޫރު ވެފައިވާ އެމެރިކާގެ އެކްޓްރެސް ކެރީ ފިޝާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާވިއިރު އުމުރަކީ 60 އަހަރެވެ. ފިޝާ ނިޔާވެފައިވަނީ ހާޓް އެޓޭކްއެއް ޖެހުމަށް ފަހުގައެވެ.
ބަލިވުމުގެ ސަބަބުން ފިޝާ ވަނީ ހުކުރު ދުވަހު ލަންޑަންއިން ލޮސް އެންޖެލިސްއަށް ފްލައިޓެއްގައި ގެންދެވިފައެވެ. އަދި ފްލައިޓް ޖެއްސުމާއިއެކު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އޭނާގެ އާއިލާއިން އާންމުކުރި ބަޔާނެއްގައިވާ ގޮތުން ކެރީ ފިޝާ މިދުނިޔެއަށް އަލްވަދާއު ކިޔާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ.
'ދަ ބްލޫ ބްރަދާސް' އަދި 'ވެން ހެރީ މެޓް ސެލީ' ފަދަ ފިލްމްތަކުގައި އެކްޓް ކުރުމުގެ އިތުރުން ފިޝާ ވަނީ ހަތަރު ނޮވެލްއާއި ތިން ބަޔޮގްރަފީ ލިޔެފައެވެ.

ފިޝާގެ އަންހެން ދަރިފުޅު ބިލީ ލުއާޑްގެ ފަރާތުން އޭނާގެ ތަރުޖަމާނު ސައިމަން ހޯލްސް ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ކެރީ ފިޝާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 08:55 ގައެވެ.
ލަވަކިޔުންތެރިޔާ އެޑީ ފިޝާ އަދި އެކްޓްރެސް ޑެބީ ރޭނޯލްޑްސްއަށް އުފަންވި ކެރީ ފިޝާ އޭނާގެ ފިލްމީ ހަޔާތުގެ ޑެބިއު ކޮށްފައިވަނީ 1975 އަހަރު 'ޝޭމްޕޫ' އިންނެވެ.
އޭނާ ބޮޑަށް މަޝްހޫރު ވެގެންދިޔައީ ސްޓާ ވޯސް ޓްރައިލޮޖީގައި ޕްރިންސެސް ލީއާގެ ރޯލް އަދާކުރުމުންނެވެ. އޭނާ ވަނީ މިދިޔަ އަހަރު ރިލީޒް ކުރެވުނު 'ދަ ފޯސް އަވޭކެންސް' ގައިވެސް އެރޯލުން ފެނިފައެވެ.
ފިޝާގެ ޒަވާޖީ ހަޔާތުގައި ގިނަ ދަތިތަކެއް ވަނީ ދިމާވެފައެވެ. އަދި އޭނާ ވަނީ އޭނާގެ ނަފްސާނީ ބައްޔާއި ޑްރަގް އެޑިކްޝަންއާއި ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ.