Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ފާހާނާއެއްގައި ބަންދު ކުރުމުން ހަ މީހަކު މަރުވެއްޖެ

ޖަކާޓާ - ފޮޓޯ: އޭއެފްޕީ

ހަތިޔާރު އަޅައިގެން ތިބި ވަގުން ކުޑަ ފާޚާނާއެއްގައި ބަންދު ކުރުމުގެ ސަބަބުން މަރުވެފައި އޮތް ހަމީހުން އިންޑޮނޭޝިއާގެ ވެރި ރަށުގައި މަސައްކަތް ކުރާ ފުލުހުންނަށް ވަނީ އަންގާރަ ދުވަހު ފެނިފައެވެ.

އެހަމީހުންގެ ތެރޭގައި ނުވަ އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ. އެމީހުން މަރުވެފައި ވަނީ އެފާޚާނާގައި ބަންދު ބޮޑުވެ ހާސްވުމުގެ ސަބަބުންނެވެ. އަދި އެމީހުން އެތާނގައި ބަންދު ކުރެވުނީ އޭގެ ކުރީ ދުވަހު ކަމަށްވެސް ރޮއިޓާސްއިން ރިޕޯޓް ކުރެއެވެ.

10 މިލިއަން މީހުން ދިރިއުޅެމުންދާ ޖަކާޓާ ސިޓީގައި ކުދިކުދި ކުށްތައް ވަރަށް އާންމެވެ. އެހެންނަމަވެސް ހަތިޔާރު އަޅައިގެން ވައްކަން ކުރުންފަދަ ކުށްތައް ވަރަށް މަދެވެ.

ޖަކާޓާ ޕޮލިސްގެ ތަރުޖަމާނަކު ރޮއިޓާސްއަށް މަޢުލޫމާތު ދީފައިވާ ގޮތުން ހޯމަ ދުވަހު އެގެއަށް ނުދަންނަ ހަތަރު މީހަކު ވަނީ ގަދަކަމުން ވަދެފައެވެ.

ވަގު މީހުން ވަނީ އެގޭގައި ދިރިއުޅެމުންދިޔަ އާއިލާގެ މެމްބަރުންނާއި، މަސައްކަތު މީހުން އަދި ޑްރައިވަރުން ހިމެނޭ ގޮތަށް ޖުމްލަ 11 ވެރިން 6.5 ފޫޓް 3.3 ފޫޓްގެ ކުޑަކުޑަ ފާޚާނާގައި ބަންދު ކޮށްފައެވެ. އަދި އެމީހުން ފެނިފައިވަނީ އަންގާރަ ދުވަހު ކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ބުންޏެވެ.

މަންޒަރު ދުށް މީހަކު ބުނި ކަމަށް ބުނެ ފުލުހުންގެ ތަރުޖަމާނު ބުނީ ވަގުންގެ އަތުގައި ބަޑިވެސް ހުރި ކަމަށެވެ.

މިހާދިސާގައި ސަލާމަތްވި ފަސް މީހުން ވަނީ ކްރިޓިކަލް ހާލަތެއްގައި ކަމަށާއި އެމީހުންނަށް ހޮސްޕިޓަލުގައު ފަރުވާ ދެމުންދާ ކަމަށްވެސް އޭނާ މަޢުލޫމާތު ދިނެވެ.