އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އަންހެނުންނަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީގައި ފެބްރިކް އެންޑް ރިބަން ކޯހެއް ފަށައިފި އެވެ.
އެއްވެސް ފީއަކާއި ނުލައި ހިންގާ މި ކޯހުގައި 70 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިމަހުގެ 27 ވަނަ ދުވަހު ފެށި ކޯހުގައި ކިޔަވައިދެއްވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބް ރައީސާ އާމިނަތު ޝިހާބެވެ.
އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ހުރިހާ ރަށެއްގައި ވެސް އެއްފަހަރާ މި ކޯސް ކުރިއަށް ގެންދަނީ، ކޮންމެ ރަށެއްގައި ވެސް ވަކި ގަޑިއެއްގައި ކޯހުގެ ކްލާސްތައް ބާއްވާ ގޮތަށެވެ.
އަންހެނުންގެ ކޮމެޓީގެ ރައީސާ ޖަމްޝީދާ މުޙައްމަދު (މާހު) ވިދާޅުވި ގޮތުގައި މި ކޯހުގެ ސަބަބުން އަންހެނުންނަށް ގޭގައި ތިބެގެން ފަސޭހަ ކަމާއެކީ އާމްދަނީ ހޯދޭނެ ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ.