ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެއްވެސް ސިޓީ ކައުންސިލަކުން ހުށަހަޅާފައި ނުވާ ކަމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފި އެވެ.
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 108 ވަނަ މާއްދާގެ (ބ) އަދި 109 ވަނަ މާއްދާގެ (ބ)ގެ ދަށުން ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭން ތައްޔާރު ކުރުމަށް ލާޒިމްކުރެއެވެ.
އެލްޖީއޭ އިން ބުނެފައިވާ ގޮތުގައި ސިޓީގައި އަވަށްތަކުގެ ތަރައްގީގެ ޕްލޭނަށް ބިނާކޮށް، މަދުވެގެން ފަސް އަހަރުގެ، ސިޓީ ކައުންސިލްގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލުން އެކުލަވާލައި އާއްމު ކުރުމަކީ ގާނޫނުން ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ވެސް އެލްޖީއޭއިން ބުނެއެވެ.
ކައުންސިލްތަކުން ތަރައްގީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭން މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެލްޖީއޭއަށް ހުށަހެޅުމަށް އެލްޖީއޭ އިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ސިޓީ ކައުންސިލެއްގެ ޕްލޭނެއް އެލްޖީއޭއަށް ލިބިފައިނުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.