Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

ރޭލު އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެއްޖެ

ފޮޓޯ: ނަވްނީތު ޖޭސްވާލް

އިންޑިއާގެ އުތުރުގެ އުއްތަރް ޕްރަދޭޝްގައި މީހުންނާއިއެކު ދަތުރު ކުރަމުން ދިޔަ ރޭލެއް، ރޭލު ދަނގަޑުން ކައްސާލުމުގެ ސަބަބުން ދިމާވި ހާދިސާގައި ދެމީހުން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ޒަކީ އަހްމަދު ޕީޓީއައި އަށް މަޢުލޫމާތު ދިން ގޮތުގައި ކާންޕޫރް ކައިރީގައި ހިނގި އެހާދިސާގައި އިތުރު 43 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

ރޭލްވޭ މިނިސްޓްރީ އިން ޓްވިޓާގައި ބަޔާން ކޮށްފައިވާ ގޮތުން އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ކުރެވިފައެއް ނުވެއެވެ.

އެހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު އަދި އެނގިފައި ނުވުމާއިއެކު، އެކަމުގެ ތަޙުޤީގެއް ކުރުމަށް ވަނީ އަންގާފައެވެ.

ރޭލު އެކްސިޑެންޓްތަކަކީ އިންޑިއާގައި ވަރަށް އާންމު ކަމެކެވެ. އިންޑިއާގައި ބޭނުންކުރާ ގިނަ ރޭލު އިކުއިޕްމެންޓްތަކަކީ ވަރަށް ދުވަސްވެފައިވާ އެއްޗެއްސެވެ. މިދިޔަ މަހުވެސް ކާންޕޫރް ކައިރީގައި ހިނގި މިފަދަ ހާދިސާއެއްގައި 140 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

އަޖްމީރް-ސީލްދާހް އެކްސްޕްރެސް ރޭލުގެ 14 ކެރިޖު ރޭލު ދަނގަޑުން ކައްސާލި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ކުރީކޮޅެވެ.

އޮފިޝަލުން ބުނާގޮތުގައި ރޭލުން ދަތުރުކުރި ހުރިހާ މީހުންވެސް ވަނީ ސަލާމަތް ކުރެވިފައެވެ.

އެހާދިސާ ހިނގާފައިވަނީ ހިކި ކެނަލްއެއްގެ މަތީގައި އޮތް ބްރިޖެއް ހުރަސް ކުރަނި ކޮށެވެ. މަންޒަރު ދުށް މީހުން އިންޑިއާގެ ޓީވީ ޗެނަލްތަކަށް މަޢުލޫމާތު ދިން ގޮތުގައި އެހާދިސާ ހިނގި ވަގުތަކީ ވަރަށް ދުންފިނި ގަދަ ވަގުތެކެވެ.

"އަޅުގަނޑުމެންނަށް ދެމަރު ކަށަވަރު ކޮށްދެވިދާނެ"، އިންސްޕެކްޓާ ޖެނެރަލް ޒަކީ އަހްމަދު މީޑިއާތަކަށް މަޢުލޫމާތު ދިނެވެ. އަދި އަނިޔާވި މީހުން ކާންޕޫރްގެ ވަށައިގެންވާ ހޮސްޕިޓަލުތަކަށް ގެންދެވިފައިވާ ކަމަށްވެސް އޭނާ މަޢުލޫމާތު ދިނެވެ.

ރޭލްވޭސް މިނިސްޓަރު ސުރޭޝް ޕްރަބޫ ވަނީ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށްޓަކައި ތަފްސީލީ ތަހުޤީގެއް ކުރެވޭނެ ކަމަށް ޓްވީޓް ކޮށްފައެވެ.

މިދިޔަ އަހަރު ރޭލްވޭތައް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ހެދުމަށްޓަކައި ސަރުކާރުން ވަނީ 137 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތައް އިއުލާން ކޮށްފައެވެ.