Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ލިންކް ރޯޑްގައި ސްޕީޑް ބްރޭކަރު އަޅަން ފަށައިފި

ސްޕީޑް ބްރޭކަރު އެޅުމުގެ މަސައްކަތް އެމްއާރްޑީސީ އިން ކުރަނީ. ފޮޓޯ: އިބްރާހިމް ރަޝީދް ވަޖްދީ

އައްޑޫ ސިޓީ، ލިންކް ރޯޑްގައި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ފަށައިފިއެވެ.

އެމްއާރްޑީސީ އިން މައުލޫމާތު ދޭގޮތުގައި މިފަހަރު ވެސް ސްޕީޑް ބްރޭކަރު ހަރުކުރަނީ ފުލުހުންގެ ލަފާގެ މަތިން އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާ ސަރަޙައްދުތައް ބަލައިގެންނެވެ.

މީގެ ކުރިން އައްޑޫގެ ތާރު އެޅި މަގުތަކުގައި ސްޕީޑް ބްރޭކަރުތައް އެޅި ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ ގިނަ ބްރޭކަރުތައް ވަނީ ނެއްޓިފައެވެ. އެފަހަރު ސްޕީޑް ބްރޭކަރުތައް ނެއްޓުނީ ތާރުގަނޑު ހޫނުވުމުގެ ސަބަބުން ފަސޭހައިން ނެއްޓިގެންދާ ގޮތަށް ހުރުމުގެ ސަބަބުން ކަމަށް ހައުސިން މިނިސްޓްރީ އިން އޭރު ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސްޕީޑް ބްރޭކަރު އަޅަނީ ތާރު ލޭޔާ ނެގުމަށް ފަހު، ކޮންކްރިޓް ލޭޔަރެއް އެޅުމަށް ފަހު އޭގެ މަތީގަ އެވެ.

އައްޑޫ މަގުތަކުގައި ސްޕީޑް ބްރޭކަރުތައް އަޅަން ފެށީ މަގުތަކުގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ކުރި ދިރާސާއަކަށް ފަހު އެގޮތަށް ލަފާ ދިނުމުންނެވެ.