Last Updated: June 26, 10:52
Friday, June 26, 2026
ރިޕޯޓް

ކަރަންޓްގެ އަގު ބޮޑުވުން: އައްޑޫ އިޔާދަކުރުވަނިވި ހަކަތައަށް

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ރައްޔިތުންނަށް ދޭ ކަރަންޓްގެ އަގު ކުޑަނުކުރުމުން އެއަގު ދައްކަން ދަތިވެ، ގިނަ ރައްޔިތުން އިޔާދަކުރުވަނިވި ހަކަތައަށް މިސްރާބް ޖަހަން ފަށައިފިއެވެ.

އެގޮތުން ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓް އުފެއްދުމަށް ބައެއް އާއްމުންނާއި، ވިޔަފާރިވެރިން ފަށާފައިވާއިރު، މި ކަމަށް ގިނަ ބައެއްގެ ސަޕޯޓް އަންނަނީ ލިބެމުންނެވެ.

ފެނަކަ ކޯޕަރޭޝަންއިން އެންމެ ބޮޑު ފައިދާއެއް ނަގާ، އައްޑޫގެ ކަރަންޓް ބިލް ކުޑަކުރޭތޯ އެތައް ބަޔަކު މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރިނަމަވެސް އެޝަކުވާގެ އަޑު ސަރުކާރުގެ އެއްވެސް ވުޒާރާއަކުން އަހާފައިނުވެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ބައެއް އާއްމުން ބުނީ، ބޭންކް ލޯން ނަގައިގެން ނަމަވެސް ސޯލާ ޕެނަލް ޖަހައި، ކަރަންޓަށް ކުރާ ހަރަދު ކުޑަކުރަން މަސައްކަތްފަށާފައިވާ ކަމަށެވެ.

"ބީއެމްއެލް ގްރީން ލޯން ނަގައިގެން، ސޯލާ ޕެނަލް މި ހަރުކުރަނީ، ބޭންކް ލޯން ދައްކަން އެބަލިބޭ އެއްކަލަ ކަރަންޓް ބިލުން ކުޑަވާ ބައި، ދެން ލޯން ނިމުނީމަ އެބައިވެސް މަދުވީ، އެހެންވެ މިގޮތަށް ވިސްނީ" އަމިއްލަ ގޭގައި ސޯލާ ޕެނަލް ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ހިތަދޫ ރައްޔިތަކު ބުންޏެވެ.

އައްޑޫގެ ވިޔަފާރިތަކުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ފާއިތުވި ދެތިން އަހަރު ގިނަ ކުދި ވިޔަފާރިވެރިން އުޅުނީ ވަރަށް ދަތިހާލުގައެވެ. އަދި ބޮޑެތި ވިޔަފާރިތަކުން 30،000 ކަރަންޓް ބިލަށް ދަނީ ދައްކަމުންނެވެ.

އިޔާދަކުރުވަނިވި ހަކަތަ އަށް އައްޑޫ ރައްޔިތުން މިސްރާބް ޖަހާފައިވާ އިރު އައްޑޫގެ ބައެއް ޒުވާނުން ވަނީ ސޯލާ ޕެނަލް އެތެރެކޮށް ހަރުކޮށްދިނުމުގެ ހިދްމަތް ފަށާފައެވެ. އެގޮތުން ހުޅުމީދޫގައި ހަރަކާތްތެރިވާ "އަވިން" ކުންފުނިން މިހާތަނަށް 8 ގޭގައި ވަނީ ސޯލާ ޕެނަލް ބަހައްޓައި ހިދްމަތްދޭން ފަށާފައެވެ.

އަވިން ކުންފުނިން ބުނީ އެވްރެޖްކޮށް 45،000 ރުފިޔާ ހަރަދުކޮށްގެން މިހާރު 1500 ރުފިޔާ ކަރަންޓް ބިލަށް އަރާ ގެގެ ކަރަންޓް ބިލް ކުޑަކުރެވިފައިވާކަމަށެވެ.

"އަޅުގަނޑުމެން ޕެނަލް މި ޖަހަނީ އެގެއަކަށް އާއްމުކޮށް ކަރަންޓް ބިލަށް އަރާ މިންވަރު ބަލައިގެން. އެގޮތުން އެވެރެޖްކޮށް 45،000 ރުފިޔާ ހަރަދުކޮށްގެން ގިނަ ގޭގޭ ކަރަންޓް ބިލް އެބަ ކުޑަ ކުރެވޭ"

އަވިން ކުންފުނިން ބުނީ އެކުންފުނިން ހަރުކުރާ ޕެނަލްތަކަށް މަދުވެގެން 20 އަހަރު ދުވަހުގެ ވޮރެންޓީ ދޭ އިރު 3 އަހަރު ދުވަހުގެ ތެރޭގައި އިންވެސްޓް ކަވާ ކުރެވޭނެ ކަމަށެވެ.

އައްޑޫ ރައްޔިތުން އިޔާދަކުރުވަނިވި ހަކަތައް އަށް މިސްރާބް ޖަހާފައިވާ އިރު އައްޑޫ ސިޓީ ކައުންސިލްގެ އުއްމީދަކީ 2025ވަނަ އަހަރު ނިމެންވާއިރު އައްޑޫގެ ހުރިހާ ގެތަކެއްގައިވެސް އިޔާދަކުރުވަނިވި ހަކަތައިން ކަރަންޓް އުފެއްދުމެވެ. އެވިސްނުމުގައި ކައުންސިލުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ ހަފްތާ ތެރޭގައި އަނެއްކާވެސް ވަނީ ކަރަންޓް ބިލުން ޔުނިޓަކަށް 27 ލާރި ބޮޑުކޮށްފައެވެ. ފިއުލް ސާޗާޖްގެ ގޮތުގައި އިތުރުކުރި 27 ލާރިން އެވްރެޖްކޮށް ކޮންމެ 1000 ރުފިޔާ އަރާ ބިލަކުން 200 ރުފިޔާވަރު ބޮޑުވެގެންދާނެއެވެ.