މިއަހަރު ނިންމަން ކަނޑައަޅާފައިވާ ގިނަ، ބޮޑެތި މަޝްރޫއުތައް ނިންމާލެވިފައިވާ ކަމަށާއި މިއީ ކާމިޔާބު އަހަރެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރު ނިންމި މަޝްރޫއުތަކާ ބެހޭ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވެފައިވަނީ އަންނަ އަހަރަށްވެސް ގިނަ މަޝްރޫއުތަކެއް ކަނޑައެޅިފައިވާނެ ކަމަށެވެ. އަދި މިއަހަރެކޭ އެއްފަދައިން އަންނަ އަހަރުވެސް ކަނޑައެޅިފައިވާ ވަގުތަށް މަސައްކަތް ނިންމުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވަނީ އިޝާރާތް ކޮށްފައެވެ.
ހައުސިންގ މިނިސްޓްރީއިން ހިއްސާކުރި ކާމިޔާބީތަކުގެ ތެރެއިން ގިނަ ކަންތަކަކީ މާލެ ތަރައްގީ ކުރުމަށް ކުރެވުނު ކަންތައް ކަން މިިނިސްޓްރީ އިން ވަނީ ފަހުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
އަތޮޅުތެރެއަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ލ. ގާދޫ ރައްޔިތުން އެ އަތޮޅު ފޮނަދު އަށް ބަދަލުކުރުން، ބައެއް ރަށްތަކުގައި ފްލެޓް ނިންމުމާއި ބައެއް ރަށްތަކުގައި މަސައްކަތް ފެށުން އަދި ގިނަ ރަށްތަކެއްގެ ބަނދަރު ހެދުމާއި މަގު ހެދުމެވެ.