އިންޑިއާގެ އިރުމަތީ ޖާރްކަންދް ސްޓޭޓްގައި މައިނެއް ގޮވައި، އެމައިނުގައި މަސައްކަތް ކުރާ ފަސް މީހުން މަރުވެ، އިތުރު އެތައް މީހުންނެއް ބިރު ގަތުމުގެ ސަބަބުން އެމައިނުގައި ވަނީ ތާށިވެފައެވެ.
މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ގޮއްޑާ އަވަށުގައި ހުންނަ ސަރުކާރުން ހިންގާ މައިނެއްގައެވެ.
އަދިވެސް އެމައިނުގައި ތާށިވެފައި ތިބިކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޮފިޝަލުން ވަނީ ބީބީސީ ހިންދީއަށް މަޢުލޫމާތު ދީފައެވެ.
ޖާރްކަންދްގައި އިންޑިއާގެ އެންމެ ބޮޑެތި މައިންތައް ހުރިކަމުގައި ވިޔަސް، ސަލާމަތީ މިންގަނޑުތަކަށް އެހާބޮޑަށް ސަމާލުކަން ނުދެއެވެ.

"މިހާތަނަށް ފަސް މީހުންގެ މަރުވެފައިވާ ހަށިތައް ވަނީ ފެނިފައި އަދި 23 މީހުން ވަނީ ނުފެނިފައި"، ސްޓޭޓް ޕޮލިސްގެ ތަރުޖަމާނު އާރްކޭ މަލިކް ވަނީ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުން މަރުވެފައިވާ މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ބެލެވެއެވެ.
އިންޑިއާގެ ނޭޝަނަލް ޑިޒާސްޓާ ރިލީފް ފޯސް (އެންޑީއާރްއެފް) ވަނީ ހާދިސާ ހިނގި ސަރަހައްދަށް އައިސް، މީހުން ސަލާމަތް ކުރުމަށް ހިންގަމުންދާ އޮޕަރޭޝަންތަކުގައި ކަމާއިބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ރާޖްމަހަލް އޯޕެން ކާސްޓް މައިންސްގެ ޖެނެރަލް މެނޭޖަރު އެސްކޭ ސިންގް އެސޯސިއޭޓެޑް ޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުން ފިނި ދުމުގެ ސަބަބުން ރެސްކިއު ޓީމްތަކަށް ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ކުރިން މައިންތަކަށް ދެވޭގޮތް ނުވެފައެވެ.
ޖާރްކަންދްގެ ޗީފް މިނިސްޓަރު ރަގޫބާރް ދާސް ވިދާޅުވި ގޮތުގައި އޭނާ ދަނީ ރެސްކިއު އޮޕަރޭޝަން ވަރަށް ކައިރިން ބައްލަވަމުންނެވެ. އަދި މައިން ވެއްޓުމުގެ ހާދިސާ ތަހުޤީގު ކުރުމަށްވެސް އަމުރު ކުރައްވާނެ ކަމަށެވެ.
ބޮޑު ވަޒީރު ނަރޭންދްރަ މޯދީވެސް ވަނީ އެކަމާއި ބެހޭގޮތުން ޓްވީޓް ކުރައްވާފައެވެ.
