ދާރުލްއީމާން ހުޅުވުމަށްޓަކައި މާދަމާ ރޭ ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ޖަލްސާ ފަސްކޮށްފިއެވެ.
ދާރުލްއީމާނަކީ މިސްކިތު ފަންޑް ދިރުވާ އާލާ ކުރުމުގެ މަޤްސަދުގައި އެފަންޑްގައި ހުރި ފައިސާއިން އަޅާފައިވާ 10 ބުރީގެ އޮފީސް އިމާރާތެކެވެ.
މަޢުލޫމާތު ލިބޭގޮތުގައި އެރަސްމިއްޔާތު ލަސްކޮށްފައިވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުންނެވެ. އިސްލާމް މިނިސްޓްރީން ވިދާޅުވާ ގޮތުގައި އެޖަލްސާ އޮންނާނެ ދުވަހެއް އަދި ފަހުން އިއުލާން ކުރާނެއެވެ.
ދާރުލްއީމާން އަޅާފައިވަނީ މާފަންނު މަދަރުސާއާއި ކުރީގެ ރާވެރިޔާ ރެސްޓޯރެންޓްގެ ދެމެދުގައި އޮންނަ ހުސް ބިމުގައެވެ. މި އިމާރާތް އެޅުމުގެ މަސައްކަތް ފެށުނީ 2014 ވަނަ އަހަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްގެންނެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އެއިމާރާތުގެ އެއްބުރި އެހެން ހުރިހާ ބުރިއެއް ކުއްޔަށް ދޭން ނިންމާފައެވެ. ދާރުލްއީމާނުގެ ތިން ފްލޯ ފިނޭންސް މިނިސްޓްރީއަށް ކުއްޔަށް ދީފައިވާއިރު، އިތުރު ފަސް ފްލޯއެއް ވަނީ އައިލެންޑް އޭވިއޭޝަންއަށް ދޫކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ލަފާކުރާ ގޮތުގައި އެއިމާރާތުގެ ފްލޯތައް ކުއްޔަށް ދޫކޮށްގެން އަހަރަކު 5.2 މިލިއަން ރުފިޔާ ލިބޭނެއެވެ.
ދާރުލްއީމާނަކީ ވަގުފް ފަންޑުން ހަދާ އެންމެ ފުރަތަމަ އިމާރާތްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި މީގެ އިތުރު އިމާރާތްތައް ރާއްޖޭގެ ފަސް އަތޮޅެއްގައި އެޅުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.