އުމުރުން 13 އަހަރުގެ ޕާކިސްތާން އަންހެން ކުއްޖަކު އުމުރުން 36 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއި ކައިވެނި ކުރުވައިފިއެވެ.
އެކުއްޖާ އެމީހާއާއި ކައިވެނި ކުރުވީ، އެއަންހެން ކުއްޖާގެ ބައްޕަ އެމީހާގެ އަންހެން ކޮއްކޮއާއި އިންނަން ބޭނުންވާތީ ކަމަށް މަޢުލޫމާތު ލިބެއެވެ.
ޕާކިސްތާނުގެ ޖަމްޕޫރަށް ނިސްބަތްވާ ވާޒިރް އަހްމަދު އޭނާގެ 13 އަހަރުގެ ދަރިފުޅު ސައިމާގެ ކައިވެނި މުހައްމަދު ރަމްޒާންއާއި ކުރުވީ، ރަމްޒާންގެ ކޮއްކޮއާއި ކައިވެނިކޮށް، އޭނާގެ ފަރާތުން ފިރިހެން ކުއްޖަކު ހޯދުމުގެ އުއްމީދުގައެވެ.
ފުލުހުން އެމައްސަލަ ތަހުޤީގު ކުރުމަށްފަހު ބީރު އަދި މަންމަނު ރަމްޒާންއާއި އަހްމަދު ވަނީ 'މަދު ދުވަސްތަކަކަށް' ޖަލަށް ލާފައެވެ.
އެހެންނަމަވެސް، ކޯޓުގައި ސައިމާ ބުނެފައިވާ ގޮތުން އޭނާގެ އުމުރަކީ 16 އަހަރެވެ. އެހެންކަމުން އޭނާގެ ބައްޕައާއި ފިރިމީހާ ވަނީ ޖަލުން ދޫކޮށްލާފައެވެ. އޭނާ ކަމާއިބެހޭ ފަރާތްތަކަށް މަޢުލޫމާތު ދިން ގޮތުގައި އޭނާގެ އުމުރަކީ 16 އަހަރު ކަމަށް ކޯޓުގައި ބުނީ އޭނާގެ ބައްޕައާއި ފިރިމީހާ ރައްކާތެރި ކުރުމަށްޓަކައެވެ.
އެސޯސިއޭޓެޑް ޕްރެސްއާއިއެކު ބޭއްވި އިންޓަވިއުއެއްގައި ސައިމާގެ އުމުރަކީ ކޮބައިތޯ ސުވާލު ކުރުމުން، ޖަވާބު ހޯދުމަށްޓަކައި ރަމްޒާން ވަނީ އޭނާގެ އިނގިލިތައް ގުނާފައެވެ.
އަހްމަދު ބުނާ ގޮތުގައި ސައިމާއަށް 14 އަހަރެވެ. އޭނާގެ އުމުރު ކިތަންމެ ކުޑަޔަސް، އަހުމަދު ބުނާގޮތުން ސައިމާގެ ކައިވެނި ކުރެވުނުއިރު، ސައިމާއަކީ ފުރިހަމަ ބާލިޣެކެވެ.

އަހްމަދު އޭނާގެ ދަރިފުޅުގެ ކައިވެނި ރަމްޒާންއާއި ކުރުވާފައިވަނީ، އޭގެ ބަދަލުގައި ރަމްޒާންގެ ކޮއްކޮއާއި ކައިވެނި ކުރުމުގެ ގޮތުންނެވެ.
އަހްމަދުއާއި އޭނާގެ ފުރަތަމަ އަނބި ކަމަށްވާ ސައިމާގެ މަންމައަށް ލިބިފައިވަނީ ހުސް އަންހެން ދަރިންނެވެ. އެހެންކަމުން އަހްމަދު އުންމީދު ކޮށްގެން ހުރީ އޭނާގެ ދެވަނަ އަނބިމީހާއަށް ފިރިހެން ދަރިއަކު ލިބޭނެ ކަމަށެވެ.

އެކަމަކު އޭނާގެ ބޭބެ ބަލާނެ އަންބަކު ނެތީސް އަހްމަދުއާއި އިންނާކަށް ސަބީލް (ރަމްޒާންގެ ކޮއްކޮ) ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އޭނާގެ ބަދަލުގައި ރަމްޒާން ބަލަން އަންހެނަކުއެވެ.
"އެއާއިލާގެ އަންހެން ކުއްޖަކަށްޓަކައި އަހަރެމެން ދިނީ މިއާއިލާގެ އަންހެން ކުއްޖެއް. އެއީ އަހަރެމެންގެ ހައްޤެއް"، އަހްމަދު ބުންޏެވެ.
ދެކުނު ޕަންޖާބު ފަދަ ބޯދާ ޚިޔާލުތަކަށް ޢަމަލު ކުރަމުން އަންނަ ސަރަޙައްދުތަކުގައި އާއިލާތަކުގެ މެދުގައި އަންހެން ކުދިން ބަދަލު ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އަދި އެކަމަށް އުރްދޫގައި ވަނީ "ވައްތާ ސައްތާ" ގެ ނަމުން ނަންވެސް ދީފައެވެ. އޭގެ މާނައަކީ "ދީފައި ނަގާ" އެވެ.
އަހްމަދު ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ޚާއްސަ އެހީއަށް ބޭނުންވާ މީހަކާއި ކައިވެނި ކުރުމަކީ އޭނާގެ ތަޤްދީރުގައި އޮތް ގޮތް ކަމަށެވެ. އަދި އޭނާގެ ދަރިފުޅުގެ އުމުރަށްވުރެ ގާތްގަނޑަކަށް ތިން ގުނައަށް ރަމްޒާންގެ އުމުރު އިތުރުވުމަކީ މާބޮޑު ކަމެއް ނޫން ކަމަށެވެ.
ޕާކިސްތާނުގައި އަންހެން ކުއްޖަކު ކައިވެނި ކުރުން ހުއްދަވާ އުމުރަކީ 16 އަހަރެވެ. ސައިމާގެ އުމުރަކީ 16 އަހަރު ކަމަށް ބުނިނަމަވެސް، ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުން އެމައްސަލަ ތަހުޤީގު ކޮށްފައި ވުމަކީ އެޤައުމުގައި ވަރަށް ނުވާ ކަމެކެވެ.