Last Updated: June 26, 10:52
Friday, June 26, 2026
ޚަބަރު

ހޮސްޕިޓަލަކަށް ހަދަން އީސީސީގެ އެތެރެ ރޫޅާލައިފި

ސާކް ސަމިޓް ބޭއްވުމަށް 2011 ވަަނ އަހަރު ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު މިނިސްޓްރީ އޮފް ހައުންސިންގެ ބެލުމުގެ ދަށުގައި ހުރެ ވީރާނާވަމުންދާތާ 5 އަހަރު ފަހުން އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ރޫޅާލަން ފަށައިފިއެވެ.

ހިތަދޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހުގެ މުވައްޒަފުން މެދުވެރިކޮށް އެތަން ރޫޅާލަމުންދާ އިރު ތަނުގައި ހުރި ބައެއް ސާމާން ވަނީ ހިތަދޫ ސްޓޭޑިއަމްގައި ގުދަންކޮށްފައެވެ. ހިތަދޫ ސްޓޭޑިއަމްގައި ގުދަންކޮށްފައިވަނީ އެތަނުގައި ހުރި ބައެއް ގޮޑި އާއި ސޯފާތަކެވެ.

"އައްޑޫލައިވް"ގެ ނޫސްވެރިން މިއަދު އެތަނަށް ޒިޔާރަތްކުރި އިރު އެތަނުގެ ހޯލް (ބޯޑުކިބަ) ބިންމަތީގައި އަޅާފައިވާ ރަތް ކުލައިގެ ދޫލަތައް ވަނީ ނަގާފައެވެ. އަދި ގޮޑި އާއި ބައެއް ސޯފާތައް އެތަނުގެ ލޮބީ ގައިވަނީ ނެރުމަށްޓަކައި ބަހައްޓާފައެވެ.

އީސީސީ ރޫޅާލައި އެތަނުގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް 2017 ޖެނުއަރީ މަހު ފަށާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އީސީސީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓަރަކްޝަން އާއިއެވެ.

161 މިލިއަން ރުފިޔާއަށް 100 އެނދުގެ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް އެލިޔާއަށް ދީފައިވަނީ 18 މަސް ދުވަހެވެ.

ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 2018 ވަނަ އަހަރު އެޕްރީލް މަހު އީސީސީގައި ހަދާ 100 އެނދުގެ ހޮސްޕިޓަލްގެ ބޭނުން އައްޑޫ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.