Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

އައިލްސް އާއި ޔުނިވަސިޓީ އޮފް ވެސްޓަން ސިޑްނީ އާ ދެމެދު އެމްއޯޔޫއެއް

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޮ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ވެސްޓާން ސިޑްނީ އާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސަވިސްގެ ފަރާތުން މި އެމްއޯޔޫގައި ސޮއި ކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް އެވެ. ޔުނިވަސިޓީ އޮފް ވެސްޓާން ސިޑްނީ އޮސްޓްރޭލިޔާގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވަސިޓީގެ ޑިރެކްޓަރު އެޑިޔުކޭޝަން ޕާޓްނާޝިޕްސްގެ ޑީން އަދި ސީއީއޯ ޑރ. ކެރީ ހަޑްސަން އެވެ.

އައިލްސް އާއި ޔުނިވަސިޓީ އޮފް ވެސްޓާން ސިޑްނީ އޮސްޓްރޭލިޔާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަޤްޞަދަކީ ފުލުހުންނަށާއި ރާއްޖޭގެ ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ އެހެނިހެން އިދާރާތަކަށް އިންސާނީ ވަޞީލަތްތައް ކުރި އެރުވުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައާއި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއެވުމުގައި އެ ޔުނިވަސިޓީގެ އެހީތެރިކަމާއި ވަޞީލަތްތައް ފޯރުކޮށް ދިނުމެވެ.

ސީޕީ ވިދާޅުވީ ރާއްޖޭގެ ސަލާމަތާ ބެހޭ ދާއިރާތަކުގެ އިންސާނީ ވަޞީލަތްތައް ހަރުދަނާކޮށް ކުރިއަރުވަން ކުރަމުންދާ މަސައްކަތުގައި މި ކަޑައްތު ކުރެވުނީ ވަރަށް މުހިއްމު ފިޔަވައްސެއް ކަމަށާއި މިކަމުގެ ސަބަބުން މި ދާއިރާތަކުން މީހުން ބިނާ ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އިތުރު ފުރިހަމަ ކަމެއް ލިބި އޭގެ މަންފާ އިތުރުވެގެން ދާނެ ކަމަށެވެ.

މިއާ އެކު މި އެއްބަސްވުމުގެ ސަބަބުން އެ ޔުނިވަސިޓީގެ ރިސާޗް އީ-ލައިބްރަރީ ފެސިލިޓީސްތަކާއި އެ ޔުނިވަސިޓިގެ ލެކްޗަރާއިން އައިލްސް އިން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އައިލްސް އިން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ދޫކުރާ ސެޓްފިކެޓްތަކަކީ އެ ޔުނިވަސިޓީން ޤަބޫލު ކުރާ ސެޓްފިކެޓެއް ކަމަށް ވިދާޅުވަމުން ސީޕީ ވިދާޅުވީ އައިލްސް އިން ކުރިއަށް ގެންދާ ފުރަތަމަ ޑިގްރީ ޕްރޮގްރާމް އަންނަ މާޗް މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.

ޑރ. ކެރީ ހަޓްސަން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިފަދަ އެއްބަސްވުމެއް މޯލްޑިވްސް ޕޮލިސް ސަވިސް އާ އެކު ސޮއި ކުރެވިގެން ދިޔުމަކީ އެ ޔުނިވަސިޓީން ވަރަށް ބޮޑަށް އުފާކުރާ ކަމެއް ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން ދެފަރާތަށް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.