އިނގިރޭސި ޕްރިމިއާ ލީގުގައި މިއަހަރުގެ އެންމެ ފަހު މެޗުތައް މިއަދު ކުޅެވުނުއިރު މެންޗެސްޓާ ޔުނައިޓެޑު ވަނީ މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ގޯލުތަކާއެކު 1-2 އިން މިޑްލްސްބްރޮގްގެ މައްޗަށް ކުރިހޯދައިފައެވެ.
މެޗުގެ ކުރީކޮޅު މިޑްލްސްބްރޮގްއަށް ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވޭގޮތް ވަނީ ނުވެފައެވެ. ދާދި އެއް ހާލަތެއް ޔުނައިޓެޑަށްވެސް ކުރިމަތިލާން ޖެހިފައިވާ ޕޮގްބާ އަދި މާޝިއަލް ފޮނުވާލި ދެ ހަމަލާ ގޯލުގެ ދަނޑިއާއި އަމާޒުވެގެން ދިއުމުންނެވެ. އަދި މެޗުގެ 42 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ޖެހި ގޯލު ޖަހާފައިވަނީ އިދިކޮޅު ކީޕަރަށް ފައުލްކޮށްފައި ކަމަށް ރެފްރީ ނިންމުމުގެ ސަބަބުން ޔުނައިޓެޑަށް އިތުރު ދަތިތަކެއް ކުރިމަތިވިއެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ފުރަތަމަ ހާފެކޭ އެއްފަދައިން ހަމަލާތައް ތަނަވަސް ކުރުމުގައި ޔުނައިޓެޑުން ބުރަކޮށް މަސައްކަތް ކުރިއެވެ. ނަމަވެސް ގޯލު ލައިނު ހުރަސްކޮށް އެންމެ ބޯޅައެއްވެސް ފޮނުވާލެވޭގޮތެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 67 ވަނަ މިނެޓުގައި ބޮރޯ ކެޕްޓަން ލެޑްބިޓާ ވަނީ މެޗުގެ ފުރަތަމަ ގޯލާއެކު ލީޑު ނަގާފައެވެ.
ގޯލަށްފަހު ޔުނައިޓެޑުން ކުޅުން އަވަސްކޮށް އިތުރު ހަމަލާތައް އުފެއްދުމުގައި މަޝްޣޫލުވިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ދިން ބޯޅައެއް މާޝިއަލްވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ނަތީޖާ އެއްވަރުކުރި ނަމަވެސް ޔުނައިޓެޑުން ބޭނުންވީ މެޗުން މޮޅުވާށެވެ. ކުޅުންތެރިންގެ ހިތްވަރާއެކު ގޯލަށް ދެމިނެޓުވެސް ނުވަނީ ޔުނައިޓެޑު ވަނީ މެޗުން ލީޑު ނަގާފައެވެ. މިގޯލު ޖަހާފައިވަނީ ޕައުލް ޕޮގްބާއެވެ.
ޔުނައިޓެޑާއި ބޮރޯ ބައްދަލުކުރި މެޗު ޔުނައިޓެޑު ކާމިޔާބުކޮށް މޮޅަކާއެކު އަހަރު ނިންމާލި ނަމަވެސް އަވަށްޓެރި ސިޓީއަށް ލިވަޕޫލްގެ ދަނޑުގައި ހިތްދަތިކަމާއި ކުރިމަތިލާން ޖެހުނެވެ. ލިވަޕޫލް އާއި ދެކޮޅަށް ސިޓީ ކުޅުނު މެޗު ނިމިފައިވަނީ ފުރަތަމަ ހާފުގެ ކުރީކޮޅު ލިވަޕޫލްގެ ވިޖްނަލްޑަމް ކާމިޔާބުކުރި ހަމައެކަނި ގޯލާއެކު 0-1 އިން މެޗު ނިމި ލިވަޕޫލް ޗެލްސީއާއި ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްގެންނެވެ.
މިރޭ ޗެލްސީއަދި ސްޓޯކް ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކޮށް ޗެލްސީވަނީ ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން މޮޅުވި ރިކޯޑު 13 މެޗު ޖެހިޖެހިގެން މޮޅުވެ އެއްވަރުކޮށްފައެވެ. ޗެލްސީގެ މިރޭގެ ލަނޑުތައް ޖަހާފައިވަނީ ވިލިއެން، ކެހިލް އަދި ކޮސްޓާއެވެ. ވިލިއެން ވަނީ މިމެޗުގައި ދެގޯލު ޖަހައިފައެވެ.