އެމެރިކާގެ ކެލިފޯނިއާގައި ހުންނަ ތީމް ޕާކެއްގެ ރައިޑެއްގައި ޖެހުނު މައްސަލައެއްގެ ސަބަބުން ބިމަށްވުރެ 148 ފޫޓް (45 މީޓަރު) މަތީގައި ތާށިވެފައި ތިބި 21 މީހުން އިމާޖެންސީ ޓީމްތަކުގެ އެހީގައި ސަލާމަތް ކޮށްފިއެވެ.
ލޮސް އެންޖެލިސް ކައިރީގައި ހުންނަ ނޮޓްސް ބެރީ ފާމްގެ ރައިޑްގައި ހަތް ގަޑިއިރު ވަންދެން ބައެއް މީހުން ތާށިވެފައި ތިބިއެވެ.
ސްކައި ކެބިންއަކީ ވަރަށް މަޑުން ދުވާ އޮބްޒަވޭޝަން ރައިޑެކެވެ. މިރައިޑްގައި މެހުމާނުން ދަތުރު ކުރަނީ ބަންދުކުރެވިފައިވާ ކެޕްސިއުލް އެއްގައެވެ.
ރެސްކިއު ޓީމްތަކުން ވަނީ ރޯނު ފަށެއްގެ އެހީގައި ތާށިވެފައި ތިބި މީހުންނާއި ހަމައަށް ގޮސް، ފަހަރަކު މީހަކު ވަކިން ސަލާމަތް ކޮށްފައެވެ.
ނޮޓްސް ބެރީ ފާމްއަކީ 2015 ވަނަ އަހަރު އެމެރިކާގައި 12 ވަނަ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކުރި ތީމް ޕާކެވެ.
ސްކައި ކެބިން ހަލާކުވެފައި ވަނީ ހުކުރު ދުވަހު އެމެރިކާގެ ގަޑިން 14:00 (ޖީއެމްޓީ 22:00) ގައި ކަމަށް ލޮސް އެންޖެލިސް ޓައިމްސްއިން ރިޕޯޓް ކުރެއެވެ.
އެރައިޑް ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށްފަހު އޮފިޝަލުން ވަނީ ފަޔާ ޑިޕާޓްމެންޓަށް ގުޅާފައެވެ. އެއަށްފަހު ގާތްގަނޑަކަށް 17:00 ގައި ކްރޫ އައިސް ވަނީ އެރައިޑް ރީސްޓާޓް ކުރުމުގެ މަސައްކަތް ނާކާމިޔާބާއިއެކީ ކޮށްފައެވެ.
19:30 ގައި އެމީހުން ވަނީ ސޭފްޓީ ހާނެސްއެއް ބޭނުންކޮށްގެން ތާށިވެފައި ތިބި މީހުން ސަލާމަތް ކުރަން ފަށާފައެވެ. އެކަން ކުރަމުން ދިޔަ ވަގުތު ތިރީގައި މަންޒަރު ބަލަން ތިބި މީހުން ދިޔައީ އަތްތިލަބަޑި ޖަހައި ހިތްވަރު ދެމުންނެވެ.

އޮރެންޖް ކައުންޓީ ފަޔާ އޮތޮރިޓީގެ ކެޕްޓަން ލެރީ ކާޓްޒް އައިވިޓްނެސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެއީ ވަރަށް ބިރުވެރިކަމެއް ކަމަށް ހީވިޔަސް އެމީހުންނަކީ އެކަމަށް ތަމްރީން ކުރެވިފައި ތިބޭ މީހުން ކަމަށެވެ.
"އަޅުގަނޑުމެން އަތުގައި ވަރަށް، ވަރަށް ވަރުގަދަ 9،000 ޕައުންޑްގެ ހަލާކުވުމުގެ ބާރު ހުންނަ ވާތައް ހުރޭ"، އޭނާ ބުންޏެވެ.
އެތީމް ޕާކުން ފަހުން ބުނެފައިވާ ގޮތުގައި ރައިޑްގައި މައްސަލަ ޖެހުނު ސަބަބު ހޯދަންދެން ސްކައި ކެބިން ރައިޑް ހުންނާނީ ބަންދު ކޮށްފައި ކަމަށެވެ.