Last Updated: July 1, 04:05
Wednesday, July 1, 2026
ކުޅިވަރު

ސްވަންސީގެ މެނޭޖަރަކަށް ޕޯލް ކްލެމެންޓް

ފޮޓޯ؛ ގެޓީ އިމޭޖެސް

ސްވަންސީ ސިޓީއިން ޕޯލް ކްލެމެންޓް އެޓީމުގެ އާ މެނޭޖަރަކަށް ހަދަން އުޅޭކަމަށް ބީބީސީއިން ރިޕޯޓް ކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ފުލުގައި އޮތް ސްވަންސީ ސިޓީއިން ދަނީ އަންނަ ހަފްތާގައި އެފަދަ ޑީލްއެއް ހެދުމަށް އުންމީދު ކުރަމުންނެވެ.

ކުރީގެ ޑާބީ ބޮސް އަދި ބިހާރު ބަޔާން މޫނިކްގެ އެސިސްޓެންޓް ކްލެމެންޓާއި ސްވަންސީއާއި ދެމެދު އޭނާ މިސީޒަނުގައި އެކްލަބްގެ ތިންވަނަ މެނޭޖަރަށް ވުމުގެ މަޝްވަރާތައް ވަނީ ކުރެވިފައެވެ.

ޑާބީގެ އިންޗާޖެއް ގޮތުގައި އަށް މަސް ދުވަސް ހުރުމަށްފަހު ޑާބީއިން ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާ އެމަޤާމުން ވަކިކޮށްފައެވެ. އަދި ބޮބް ބްރެޑްލީ އައްޔަން ކުރުމުގެ ކުރިން ސްވަންސީއިން ވަނީ ކްލެމެންޓާއި އިންޓަވިއު ކޮށްފައެވެ.

ސްވަންސީއިން އަންގާރަ ދުވަހު ކްރިސްޓަލް ޕެލެސްއަށް ޒިޔާރަތް ކުރާއިރު ކްލެމެންޓް ހުންނާނެ ކަމަށް ލަފާކުރެވެނީ ސެލްހާސްޓް ޕާކްގައެވެ.

ސްވަންސީގެ މެނޭޖަރުގެ މަޤާމަށް ވޭލްސްގެ ކްރިސް ކޯލްމެން، ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓެންޓް ރަޔާން ގިގްސް އަދި ކުރީގެ ބާމިންގްހަމް ސިޓީގެ ބޮސް ގޭރީ ރޮވެޓް އިސްކުރާނެ ކަމުގެ ވާހަކަ ދެކެވުނު ކަމުގައި ވިޔަސް، ދާދި ފަހުން އެމަޤާމަށް ފައިނަލް ކުރާނީ ކްލެމެންޓް ކަމުގެ ވާހަކަތައްވެސް ވަނީ ފެތުރިފައެވެ.