އިރާޤްގެ ވެރިރަށް ބަޣްދާދުގައި ހިނގި ޑަބަލް ބޮމުގެ ހަމަލާއެއްގައި މަދުވެގެން 18 މީހުން މަރުވެއްޖެއެވެ.
މިހަމަލާ ދީފައިވާ ކަމަށް ޤަބޫލު ކުރެވެނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ.
ބޮމުގެ ހަމަލާތައް ދީފައި ވަނީ ބަޣްދާދުގެ އަލް-ސިނަކް މާރުކޭޓުގައި، އެއް ހަމަލާގެ ފުލުގައި އަނެއް ހަމަލާވާ ގޮތަށެވެ. މިހާދިސާގައި 50 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
ފުލުހުން ބުނާގޮތުގައި މަގުގެ އެއްކައިރީގައި އޮތް ބޮން ގޮވާފައިވަނީ ކާރުތަކުގެ ސްޕެއާ ބައިތައް ވިއްކާ ފިހާރައެއްގެ ކައިރީގައެވެ. އެއަށްފަހު ޖާނުން ފިދާވުމުގެ ހަމަލާއެއް ވަނީ އެހާދިސާ ހިނގި ތަނަށް އެއްވި މީހުންގެ ތެރޭގައި ހިނގާފައެވެ.
ބަޣްދާދުގައި ދާދިފަހުން މިފަދަ ހާދިސާތައް ވަނީ އިތުރުވެފައެވެ. އަދި ގިނަ ހަމަލާތައް އަމާޒުވެފައި ހުންނަނީ ޝީޢީން ދިރިއުޅެމުންދާ ސަރަޙައްދުތަކަށެވެ.
އައިއެސް އިން ވަނީ އެގްރޫޕްގެ ދެހަނގުރާމަވެރިން ސުއިސައިޑް ވެސްޓް ލައިގެން ތިބެ އެދެހަމަލާ ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ބަޣްދާދުގައި އައިއެސްއިން އެންމެ ފަހުން ހިސާރުކުރި މޮސުލްގެ އުތުރުގައި އިރާޤުގެ ހަނގުރާމަވެރިން ޙަރަކާތްތެރި ވަމުން ދާކަމުގެ ބިރު އައިއެސްއަށް ވަނީ ހީވެފައެވެ.
ހޮނިހިރު ދުވަހު ދެވުނު ހަމަލާތަކުގައި އަނިޔާވި ގިނަ މީހުންނަކީ ޝިއާ ސަރަޙައްދުގައި ހުންނަ ސްޕެއާ ބައިތައް ވިއްކާ ފިހާރަތަކުގައި މަސައްކަތް ކުރާ މީހުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ނޮވެމްބަރު މަހު އިރާޤްގައި ޓްރަކްއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 77 މީހުންވަނީ މަރުވެފައެވެ. އޭގެތެރޭގައި ޝިއާ ދަތުރުވެރިން ހިމެނެއެވެ. އަދި ޖުލައި މަހު އިރާޤްގެ ޝޮޕިންގް ސެންޓަރަކަށް ދިން ބޮމުގެ ހަމަލާއެއްގައި 281 މީހުން ވަނީ މަރުވެފައެވެ. މިދެހަމަލާގެ ޒިންމާވެސް ނަގާފައިވަނީ އައިއެސް އިންނެވެ.