Last Updated: July 1, 04:05
Wednesday, July 1, 2026
މުނިފޫހިފިލުވުން

ގޯލްޑެން ގްލޯބްގައި ވެސް ޕްރިޔަންކާ

ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 74 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑްސް ހުށައަޅައިދޭ އެއް ތަރިއަކަށް ބޮލީވުޑް އަދި މިހާރު ހޮލީވުޑްގެވެސް އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ހޮވިއްޖެއެވެ.

34 އަހަރުގެ ޕްރިޔަންކާ ވަނީ އޭނާގެ ބައިނަލްއަޤްވާމީ ޑެބިއު މަޝްހޫރު ޓީވީ ޝޯ "ކުއަންޓިކޯ" މެދުވެރިކޮށް ވަރަށް ކާމިޔާބު ކަމާއިއެކީ ކޮށްފައެވެ. އަދި 2017 ވަނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ހޮލީވުޑް ފިލްމް "ބޭވޮޗް" ގައިވެސް ޕްރިޔަންކާ ޙަރަކާތްތެރިވެއެވެ.

ގޯލްޑެން ގްލޯބް އެވޯޑްސްއިން އެކަން އިއުލާންކޮށް ޕޯސްޓްކޮށްފައިވާ މެސެޖު ރީޓްވީޓް ކުރުމާއިއެކު ޕްރިޔަންކާ ވަނީ އެޚަބަރު ކަށަވަރު ކޮށްދީފައެވެ.

"ބާޖީރާއޯ މަސްތާނީ"ގައި ޙަރަކާތްތެރިވި ޕްރިޔަންކާ ގޯލްޑެން ގްލޯބްސްގައި އިއުލާން ކުރާނީ ފިލްމްތަކުންނާއި ޓީވީއިން ވަނަތަށް ހޯދާފައިވާ ފަރާތްތަކުގެ ނަންތަކެވެ. އަދި ޕްރިޔަންކާއާއިއެކު ޒޯއީ ސެލްޑާނާ އަދި ބްރީ ލާސަންވެސް އެ އެވޯޑްތައް ހުށައަޅައިދޭނެއެވެ.

74 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑްސް ހުށައަޅައިދޭ އެހެން ޕްރެޒެންޓަރުންގެ ތެރޭގައި ޑްރޫ ބެރީމޯ، ސްޓީވް ކެރެލް، މެޓް ޑޭމޮން، ވަޔޯލާ ޑޭވިސް، ލޯރާ ޑާން، ގޯލްޑީ ހޯން، އޭނާ ކެންޑްރިކް، ނިކޯލް ކިޑްމެން، ޑީގޯ ލޫނާ، ސިއެނާ މިލާ، މޭންޑީ މޯ، ޖެފްރީ ޑީން މޯގަން އަދި ސޯފިއާ ވަރްގާރާ ވެސް ހިމެނެއެވެ.

މިއެވޯޑް ޝޯ ލައިވްކޮށް ކެލިފޯނިއާގެ ދަ ބެވަލީ ހިލްޓަންއިން ލައިވްކޮށް ހުށައަޅައިދޭނީ ޖިމީ ފެލަންއެވެ.