Last Updated: July 27, 18:03
Tuesday, July 28, 2026
ސިޔާސީ

މިދިޔަ އަހަރު ވައުދުތަކެއް ފުއްދުނު: ރައީސް

2016 ވަނަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ތަރައްގީގެ ބޮޑު މަޝްރޫޢުތަކެއް ފައްޓަވާ, ހިންގެވި އަހަރެއްކަމަށާއި, ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި އެތައް ފިޔަވަޅުތަކެއް އަޅުއްވާ, ކާމިޔާބީތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިގޮތަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އައްޑޫގެ ރައްޔިތުންނަށް ވެފައިވާ ގިނަ ވަޢުދުތަކެއް ފުއްދިފައި ނުވާތީ ގިނަ ބަޔަކު އެކަމާއި މެދ ސުވާލު އުފައްދަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި، އިސްމެހެލާ ހެރަ ޕްރޮޖެކްޓާއި، އައްޑޫގައި ޤާއިމްކުރާނެ ކަމަށް ވިދާޅުވި އައިޓީ ޕާކާއި ޓޫރިޒަމްގެ އެނދު އިތުރުކުރުމާއި ވަޒީފާގެ ފުރުސަތު އިތުރު ކުރުމުގެ ވަޢުދުތައް ފާހަގަކޮށްލެވެއެވެ.