ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަނބުރާ ގެންދެވުމަށް އެދިވަޑައިގެން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އށް އިލްތިމާސްކޮށް ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.
މި ޕެޓިޝަންގައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދުގެ މައްޗަށް ދަޢުވާކޮށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕީޖީ ހުށަހަޅުއްވާފައިވާ މައްސަލައިގެ ސަބަބުން މައުޟޫޢީ ގޮތުންނާއި، މާއްދީ ގޮތުންނާއި ޒާތީގޮތުން އެންމެހާ ދިވެހި ރައްޔިތުންނަށް ފޫނުބުއްދޭ ފަދަ ގެއްލުން ލިބެމުންދާ ކަމަށެވެ.
ތަޙުޤީޤު ކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީ އަށް ލިބިދޭ ޢާންމު ބާރެއް ކަމަށްވާ އިރު، ފާއިތުވި އަހަރު ކަންކަން ގޮސް ވެ ނިމިފައިވާ ގޮތް އެ މަނިކުފާނުގެ ބުއްދީގެ ނަޒަރުން ބަލައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދުގެ މައްޗަށް އުފުއްލަވާފައިވާ ދަޢުވާ އަނބުރާ ގެންދަވުމަށް އިލްތިމާސް ކުރާ ކަމަށް ޕެޓިޝަނުގައިވެ އެވެ.
މި ޕެޓިޝަންގައި ސޮއިކުރުމުގެ އިންތިޒާމް އެމްޑީޕީގެ ސެކްރެޓޭރިއޭޓްގެ އޮފީހުންނާއި އުސްފަސްގަނޑު ސަރަހައްދުން ހަމަޖެހިފައި ހުންނާނެ ކަމަށް އެ ޕާޓީން ބުންޏެވެ.