ނިމިގެން ދިޔަ 2016 ވަނަ އަހަރަކީ އައްޑޫގެ ހުރިހާ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެކަމަށް މި ސަރުކާރުން ވައުދުވި އަހަރެވެ.
2016 ވަނަ އަހަރު ނިމުމާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ މިއަހަރަކީ ސަރުކާރުން ވައުދުވި ގިނަ މަޝްރޫއުތައް ނިމުނު އަހަރެއް ކަމަށެވެ.
އައްޑޫއަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން 2009 ވަނަ އަހަރުގެ އެޕްރީލް 22 ވަނަ ދުވަހު އިފްތިތާހު ކުރި މަޝްރޫއު އެމަނިކުފާންގެ ވެރިކަން 2012 ފެބްރުއަރީ 7 ވަނަ ދުވަހު ނިމުމަކަށް ގެނައުމާއި ހަމައަށް ބާރު ސްޕީޑެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ފަހުން އެކަން މަޑުޖެހި، ނަޝީދުގެ ވެރިކަން ނިމުނު ފަހުން 5 އަހަރުވީއިރު އަދިވެސް އައްޑޫ ރައްޔިތުންނަކަށް ސާފު ބޯފެނެއް ލިބިފައި ނުވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަޝްރޫއު އިފްތިތާހް ކުރެއްވީ މީގެ 2 އަހަރާއި 3 މަސްދުވަސް ކުރިން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރަސްމިއްޔާތު ޝަރަފްވެރިކުރައްވައި އިފްތިތާހްކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީންއެވެ. މަސައްކަތް ހަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއިއެބެ. މަސައްކަތް ނިންމަން ދިނީ 360 ދުވަހެއެވެ. އެމުއްދަތު ފާއިތުވެ ދިޔަތާ އަހަރު ދުވަސްވީއެވެ.
އައްޑޫގެ ރައްޔިތުން ނަޖިސް ފެނުން ފެންވަރައި، ކައި ބޮއި ހަދަމުން ދަނިކޮށް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް، ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން މައުލޫމާތު ހޯއްދެވުމަށް އެންވައިރަމެންޓް މިނިސްޓަރ ޠާރިގް އިބްރާހިމް އާއި މަޖްލިސް މެދުވެރިކޮށް ސުވާލު ދެންނެވިއެވެ.
އެދުވަހު މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވީ2016 ވަނަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީގެ ހުރިހާ ގޭބިސީއަކަށް ސާފު ބޯ ފެން ލިބޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫގެ ދެ ރަށް ކަމަށްވާ މީދު އާއި ހުޅުދުއަކީ ވަކިން އޮންނަ ދެރަށް ކަމުން ފެނާއި ނަރުދަމާގެ މަސައްކަތް ފަށަން ޖެހުނީ ވަކިވަކިން ކަމަށެވެ.
އެހެން ނަމަވެސް ހުޅުދޫގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން 51 ޕަސެންޓް ނިމިފައިވާ ކަމަށް ވިދާޅުވި އެވެ.
ސާފު ބޯފެން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް 2016 ވަނަ އަހަރު ނިމިގެން ދިޔައީ ސާފު ބޯފެން ނުލިބިއެވެ. މިހާރު އަޑުއިވޭ ގޮތުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކުރި މަސައްކަތް އެމްޑަބްލިއުއެސްސީ އާއި މިވަނީ ހަވާލުކޮށްފައެވެ.
މިސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު މީޑިއާތަކަށް ނުލިބޭތީ އެފަދަ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނައުމަކީ ވަރަށް ދަތިކަމެކެވެ. މިފަދަ ބިޔަ މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބު ހޯދުން ވަނީ ދަތިކަމަކަށްވެފައެވެ. ނަމަވެސް މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އަދިވެސް މަޝްރޫއު މުޅިން ނިންމާލެވޭނެ ތާރީހެއް ނޭގެއެވެ.
ވައުދު ފުއްދުނު އަހަރެއް ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް އެންމެ ޒަރޫރީ އެއް ހިދްމަތް 2016 ވަނަ އަހަރު ނިމުނު އިރުވެސް އައްޑޫ ރައްޔިތުންނަކަށް ނުލިބެއެވެ. މިއީ ރައްޔިތުން އެމީހުންގެ މަންދޫބުންނާއި ބައްދަލުވުމުން ކޮށްލަން ޖެހޭ ސުވާލެކެވެ. މަޖްލިސް ހުޅުވުމުން މި ސުވާލު އަދި އެއްފަހަރު އެންވައިރަމެންޓް މިނިސްޓަރާއި ކޮށްލަން އެބަޖެހެއެވެ. ސޯޝަލް މީޑިޔާގެ "އަސްރުމާ"އަށް ފޮނުވައިގެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންއަށް މިވާހަކަ އަޑު އިއްވައިދޭން އެބަޖެހެއެވެ.