ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރ (އީސީސީ) ބިނާކުރީ ވަކި ބާވަތެއްގެ އިގްތިސާދީ ހަރަކާތަކުން އައްޑޫ ސިޓީ ތަރައްޤީ ގެނައުމަށްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ECC binakuree vaki baavathehge iqthisadhee harakathun Addu City ah tharahqee gennan.Ekan nukoh ethan hospital akah hedhumaki halaaku kurun
— Mohamed Nasheed (@MohamedNasheed) January 1, 2017
ހިތަދޫގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް އީސީސީއަށް ބަދަލު ކުރުމަށް ނިންމައި އެތަން ރޫޅާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ބާރަށް ކުރިއަށް ގެންދަނިކޮށް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީސީސީގެ ބޭނުން އައްޑޫގެ އިގްތިސާދު ކުރިއަރުންވަން ބޭނުން ނުކޮށް، އެތަން ހޮސްޕިޓަލަކަށް ހެދުމަކީ ހަލާކު ކުރުން ކަމަށެވެ.
އީސީސީ އަކީ ފެންވަރު ދަށް އިމާރާތެއް ކަމަށާއި، އެތަނަކީ ބޭކާރު ތަނެއްކަމަށް މި ސަރުކާރުން ބުނެ ތަން ވީރާނާވާން 5 އަހަރެއްހާ ދުވަހު ދޫކޮށްލައި އޮތުމަށްފަހު، އެތަން ހޮސްޕިޓަލަކަށް ހެދުމަށް އެލިއާ ކޮންސްޓްރަކްޝަން އާއި ހަވާލު ކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ.
ރައީސް ނަޝީދު އައްޑޫގައި އިމާރާތް ކުރެއްވި ކޮންވެންޝަން ސެންޓަރަކީ ސާކް ސަމިޓަށް ފަހު، ކޮންވެންޝަން ޓޫރިޒަމް ތަރައްޤީ ކުރުމަށް ޕްލޭންކޮށް އިމާރާތް ކުރިތަނެކެވެ. ނަޝީދުގެ ވެރިކަން 2012 ފެބްރުއަރި މަހުގެ 7 ވަނަ ދުވަހު ވައްޓާލި އިރު އެމަނިކުފާންގެ ސަރުކާރުން އީސީސީ އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދު ތަރައްޤީ ކުރުމަށް ވަނީ ހުޅުވާލާފައެވެ. ނަމަވެސް އޭގެ ފަހުން އައި ސަރުކާރުން ވަނީ އެމަޝްރޫއު ހުއްޓާލައި ތަން ވީރާނާވާން ދޫކޮށްލާފައެވެ.
ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ބަދަލުގައި އީސީސީ ތަރައްޤީ ކުރުމުގެ މަޝްރޫއު ނިމި 2018 ވަނަ އަހަރު އެޕްރީލް މަހު ހިދްމަތްދޭން ފަށާނެކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.