Last Updated: July 27, 18:03
Tuesday, July 28, 2026
ސިޔާސީ

މިދިޔަ އަހަރު ވައްކަންކޮށް، އެކަން ފޮރުވަން އުޅުނު: އެމްޑީޕީ

ފާއިތުވި 2016 ވަނަ އަހަރަކީ ސަރުކާރުން ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކުރުމާއި، ފަސާދަހިންގުމާއި އަދި އެޖަރީމާތައް ފޮރުވުމަށާއި އެޖަރީމާތައް އިތުރަށް ގިންގުމަށްޓަކައި މުޅި ޑިމޮކްރެޓިކް ނިޒާމު ހަލާކުކޮށްލުމުގެ ގިނަގުނަ ޢަމަލުތަކެއް ހިންގައި ދިވެހިރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތައް ދިން އަހަރެއްކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރައްޔިތުންނަށާއި މުޅި ދައުލަތަށް ދީފާއިވާ ބޮޑެތި ގެއްލުންތަކުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ރައީސް ޢަބްދުﷲ ޔާމިންކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.
ސަރުކާރުން ހިންގާފައިވާ ޖަރީމާތަކުގެ ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ހިންގަވައިފި ނަމަ ރައީސް ޔާމީނަށް އެކަމުން ރެކިވަޑައިގަނެވޭނޭ ގޮތެއް ނޯންނާނޭކަމުގައި ދެކޭ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން 2016 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ރަށްތަކާއި ފަޅުތަކާއި ފަރުތައް އެއްވެސް ބިޑުކުރުމެއް ނެތި ސަރުކާރުން ބޭނުންވި ބަޔަކަށް ނުއަގުގައި ވިއްކައި ރައްޔިތުންގެ ނުރުހުމުގައި މި ޤައުމުގެ ހަރުމުދަލަށް އެތަކެއް ގެއްލުންތަކެއް ދިން އަހަރެއް ކަން އެމްޑީޕީ އިން ފާހަގަކޮށްފައިވެއެވެ.

އަދި ރައްޔިތުން ޒިންމާވާން ޖެހޭ ގޮތަށް އެއްވެސް ހަރުދަނާ އުސޫލެއް ނެތި، އެކިއެކި ތަންތަނުން ބޮޑެތި ޢަދަދުތަކުން ލޯނު ނެގުމާއި ބޮންޑު ވިއްކުމާއި އެކިއެކި ފަރާތްތަކަށް ސަވްރިން ގެރެންޓީ ދިނުންފަދަ ގެއްލުން ބޮޑެތި ކަންތައްތަކެއް ހިންގައި 2016 ވަނަ ރައްޔިތުން ދަރަނިވެރިކުރުވި ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، މިނިވަން ނޫސްވެރިކަންކުރުމާއި ސުލްޙަވެރި ސިޔާސީ ހަރަކާތްތައް ހިންގުން ފަދަ ޑިމޮކްރެސީގެ އަސާސްތައް ނެތިކޮށްލައި، 2016 ވަނަ އަހަރު ރާއްޖޭގެ ޑިމޮކްރެސީއަށް ބޮޑެތި ގެއްލުންތައް މި ސަރުކާރުން ދީފައިވާތީ އެކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.