ޕައިލެޓުންގެ ކެބިންގައި މަސްތުވެފައި ހުރި މައްސަލައެއްގައި ކެނެޑާއިން ޕައިލަޓެއް ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ފްލައިޓް ނައްޓާލަން އުޅެނިކޮށެވެ.
އޭނާ ހައްޔަރު ކުރެވުނުތާ ތިން ގަޑިއިރު ފަހުން އެނގިފައިވާ ގޮތުގައި، ހަށިގަނޑުގައި ބަނގުރާ ހުރުން ހުއްދަ މިންވަރަށްވުރެ ތިންގުނަ އިތުރަށް އޭނާ ބަނގުރާ ބޮއެފައިވާ ކަމަށެވެ.
ސަންވިންގް ބަޖެޓް އެއާލައިންގެ ބައެއް ކަމަށްވާ އެޕައިލަޓް ހަވާލުވެގެން ހުރި ފްލައިޓް ވަނީ އެހެން ޕައިލެޓަކާއިއެކު ކެންކަން އަދި މެކްސިކޯއަށް ދިއުމަށްޓަކައި ކެލްގަރީއިން ނައްޓާލާފައެވެ.
އެވަގުތު އެފްލައިޓްގައި 100 އަށްވުރެ ގިނަ ދަތުރުވެރިން ތިބިއެވެ.
އެހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހު ކެނެޑާގެ ގަޑިން 07:00 ގައެވެ.
އެއާލައިންގެ ސްޓާފުންނަށް ޕައިލަޓް އާދަޔާއި ޚިލާފު ގޮތަކަށް ޢަމަލު ކުރާ ކަމަށް ހީވިއެވެ. އޭގެ މާގިނަ އިރުތަކެއް ނުވަނީސް އޭނާ ހޭނެތިގެން ވެއްޓުނެވެ. އެއާއިއެކު އެއާލައިންގެ ސްޓާފުން ވަނީ އެމައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައެވެ. އަދި އެއަށްފަހު އެޕައިލަޓް ކޮކްޕިޓް (ޕައިލެޓުންގެ ކެބިން) އިން ބޭރަށް ވަނީ ގެންދެވިފައެވެ.
މަސްތުވެގެން ހުރި ހާލަތުގައި އެއާކްރާފްޓެއްގެ އިންޗާޖަކަށް ހުރުމުގެ ކުށުގެ ދައުވާ މިހާރު އޭނާގެ މައްޗަށް ވަނީ ކުރެވިފައެވެ.
ކެލްގަރީ ޕޮލިސްއިން މަޢުލޫމާތު ދޭގޮތުގައި އެޕައިލެޓްއަކީ އުމުރުން 37 އަހަރުގެ ސްލޮވޭކިއާގެ ރައްޔިތެއް ކަމަށްވާ މިރޮސްލާވް ގްރޮނިޗްއެވެ.
ފުލުހުންގެ ތަރުޖަމާނު ޕޯލް ސްޓޭސީ ބުނެފައިވާ ގޮތުގައި ބޮޑު އެއާލައިނެއްގައި އެފަދަ މައްސަލައެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އަދި ރައްކާތެރިކަމަށްޓަކައި އަބަދުވެސް އިތުރު ކްރޫއިން ތައްޔާރުގައި ތިބޭކަމަށާއި އެހެންކަމުން އެފްލައިޓް ޓާމިނަލުން ނައްޓާލުމުގެ ކުރިން އެޕައިލަޓް ހައްޔަރު ކުރެވުނު ކަމާއިމެދު އެއްވެސް ހައިރާނެއް ނުވާ ކަމަށްވެސް ބުންޏެވެ.
ސްޓޭސީ ބުނި ގޮތުގައި އަވަސް މުސްތަޤުބަލެއްގައި ހައްޔަރު ކުރެވުނު ޕައިލެޓަކަށް ފްލައިޓް ދުއްވުމުގެ ހުއްދައެއް ނުލިބޭނެއެވެ.