Last Updated: July 1, 04:05
Wednesday, July 1, 2026
މުނިފޫހިފިލުވުން

އެކްޓަރު ވިލިއަމް ކްރިސްޓޮފާ މަރުވެއްޖެ

ފޮޓޯ ޓީއެމްޒީ

މަޝްހޫރު ޓީވީ ސީރީސް ކަމަށްވާ މޭޝް (އެމް*އޭ*އެސް*އެޗް) ގައި ފާދާ މުލްކާހީގެ ރޯލް އަދާކުރި ވިލިއަމް ކްރިސްޓޮފާ މަރުވެއްޖެ އެވެ.

އޭނާ މަރުވި އިރު އުމުރަކީ 84 އަހަރެވެ.

މީގެ 18 މަސް ކުރިން ކެންސަރަށް ޑައިގްނޯޒްކުރެވުނު ކްރިސްޓޮފާ ނިޔާވެފައި ވަނީ ހޮނިހިރު ދުވަހު ކެލިފޯނިއާގެ ޕެސަޑީނާގައި ހުންނަ އޭނާގެ ގޭގައެވެ.

ކްރިސްޓޮފާ ވަނީ 'މޭޝް' ގެ ހުރިހާ 11 ސީޒަނެއްގައިވެސް އެކްޓް ކޮށްފައެވެ. މޭޝްއަކީ 1950-1953 އަށް ކުރިއަށްދިޔަ ކޮރެއަން ހަނގުރާމައިގައި މަސައްކަތް ކުރި އެމެރިކާގެ މެޑިކަލް ޔުނިޓްގެ ދިރިއުޅުމުގެ ވާހަކަ ދައްކުވައިދޭ ސަމާސާ ޑްރާމާއެކެވެ.

އެޝޯ ޓީވީއިން ދައްކާފައިވަނީ 1972 އިން 1983 އާއި ހަމައަށެވެ. އެއިރުގެ ރެކޯޑް އަދަދެއް ކަމަށްވާ 106 މިލިއަން މީހުން ވަނީ އެސީރީސްގެ ފިނާލޭ ބަލާފައެވެ.

ޗިކާގޯއަށް އުފަން ކްރިސްޓޮފާ ކޮލެޖު ނިންމާލުމަށްފަހު ތިއޭޓާ އެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށްޓަކައި ވަނީ ނިއު ޔޯކަށް ބަދަލުވެފައެވެ.

އޭނާ ވަނީ ފަހުން ކެލިފޯނިއާއަށް ގޮސް، އެތައް ޓީވީ ރޯލްތަކެއް ކުޅެފައެވެ.

އެއަށްފަހު 1972 ވަނަ އަހަރު 'މޭޝް'އަށް އޭނާ ކާސްޓް ކުރެވުނެވެ.

މޭޝްގެ ދިގު ގޮތަކީ 'މޮބައިލް އާމީ ސާޖިކަލް ހޮސްޕިޓަލް' އެވެ. އެސީރީސް ބިނާކޮށްފައިވަނީ މޭޝް 4077 ޔުނިޓާއި، އެޔުނިޓްގައި މަސައްކަތް ކުރި ޑޮކްޓަރުންނާއި ނަރުހުންގެ ދިރިއުޅުމުގެ މައްޗަށެވެ.

ކްރިސްޓޮފާ އަދާކޮށްފައިވަނީ ހަނގުރާމައިގެ ދަނޑިވަޅުގައި މެޑިކަލް ސްޓާފުންނާއި ބަލިމީހުންނަށް ލަފާއާއި ކައުންސެލިން އެރުވި ވަރަށް ހިތްހެޔޮ ފާދިރީއެއްގެ ރޯލެވެ.

އެސީރީސްގެ ކާސްޓް މެމްބަރުންގެ ތެރެއިން ހުރިހާ ސީޒަނެއްގައިވެސް އެކްޓް ކޮށްފައިވާ ހަތަރު މީހުންގެ ތެރޭގައި ކްރިސްޓޮފާ ހިމެނެއެވެ. އެސީރީސް ނިމުމަށްފަހު އޭގެ ސީކުއެލްއެއް ކަމަށްވާ 'އާފްޓާ ސްމޭޝް'ގައި ވެސް ކްރިސްޓޮފާ ވަނީ އިތުރު ދެކާސްޓް މެމްބަރުންނާއިއެކު ހަރަކާތްތެރި ވެފައެވެ.