އާ އަހަރު ފާހަގަ ކުރުމަށްޓަކައި އިންޑިއާގެ ބެންގަލޫރުގެ ބޭރުން ކަރްނާޓަކާ ސްޓޭޓްގައި އޮންނަ ނަންދީ ހިލްސްއަށް ދިޔަ އިންޖިނިއަރިންގް ކިޔަވާ ދެދަރިވަރަކު މަރުވެއްޖެއެވެ.
އެކުދިން މަރުވެފައިވަނީ ދެކޮޅަށް ދުއްވާ މަގެއްގައި، ދުއްވާފައި ދިޔަ ފަރާތް ނޫން އަނެއް ފަރާތަށް އެރި ވަގުތު، އެފަޅިން އައި ކާރެއްގައި ޖެހި އެކްސިޑެންޓް ވުމުންނެވެ.
އެހާދިސާ ހިނގާފައިވަނީ އާދިއްދަ ދުވަހު ބެލަރީ ރޯޑްގެ ޕަލަނަހައްލި ގޭޓް ކައިރިންނެވެ.
މާރުތީ ސްވިފްޓްގެ ކާރު ދުއްވަން ހުރި އުމުރުން 21 އަހަރުގެ ކްރިޝްނާ ކިޝޯރް ވަނީ ހަމަ ވަގުތުން މަރުވެފައެވެ. ކުރީ ސީޓުގައި ހުރި އޭނާގެ ރަހުމަތްތެރިޔާ، އުމުރުން 21 އަހަރުގެ ސަންތޯޝް މަރުވީ ހޮސްޕިޓަލުގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.
ކިޝޯރްއާއި ސަންތޯޝްއަކީ ތަފާތު ދެކޮލެޖެއްގައި މެކޭނިކަލް އިންޖިނިއަރިންގްގެ އެންމެ ފަހު އަހަރު ކިޔަވަމުންދިޔަ ކުދިންނެވެ. އެދެކުދިންގެ ރައްޓެހިން ކަމަށްވާ އަދިތުޔާ، ސުޕްރީތު، އަބޭ އަދި މިލްޓަންއަށްވެސް ވަނީ އަނިޔާ ލިބިފައެވެ.
މިދަރިވަރުންތައް ނަންދީ ހިލްސްއަށް ދިއުމަށްޓަކައި ދަތުރު ފަށާފައިވަނީ އާދިއްތަ ދުވަހުގެ ފަތިހު 04:00 ގައެވެ. އެކްސިޑެންޓް ހިނގާފައިވަނީ ފަރުބަދަތައް މަތީ އާ އަހަރު ފާހަގަ ކުރުމަށްފަހު ގެޔަށް ދިޔަ މަގުމަތީގައެވެ.
ފުލުހުން ބުނީ ބާރަށް ދުއްވާފައި ދިޔަ ސްވިފްޓް ކާރު މަގުގެ ޑިވައިޑަރު މަތިން ގޮސް މަގުގެ އަނެއް ފަޅިން ދުއްވާފައި ދިޔަ ކާރެއްގައި ޖެހި، ހުއްޓުމަކަށް އައިސްފައި ވަނީ ގަޑިން 07:00 ގައި ކަމަށެވެ. އެކްސިޑެންޓްވި އަނެއް ކާރު ދުއްވަން ހުރި މީހާއާއި ކާރުގެ ކުރީ ސީޓުގައި ހުރި މީހާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެވެ.