ސަތާރަ ވަނަ ސާކް ސަމިޓަށް ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ވީރާނާވާން ދޫކޮށްލާފައި ހުންނަތާ 5 އަހަރު ފަހުން އެތަނުގައި އައްޑޫގައި ހަދަން ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް ހެދުމަށް ނިންމައި ތަން ރޫޅާލާތީ އައްޑޫގެ އަންހެނުންގެ ކޮމެޓީން ނުރުހުން ފާޅުކޮށްފިއެވެ.
އައްޑޫ އަންހެނުންގެ ކޮމެޓީން އިސްވެ ތިބެ މި މައްސަލާގައި އައްޑޫ ކައުންސިލާއި އަދި ހައުސިން މިނިސްޓްރީގެ ހިތަދޫ ލޭންޑް އެންޑް މުނިސިޕަލް ސާވިސް އާއި މިއަދު ވަނީ ވަކިވަކިން ބައްދަލުކޮށްފައެވެ.
އަންހެނުންގެ ކޮމެޓީން ބުނީ ހިތަދޫ ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލެއް ހެދުމަށްކަމަށް ބުނެ ވީރާނާ ކޮށްލަނީކަމަށެވެ. އަދި ހޮސްޕިޓަލަށް ބިން ކަޑައެޅި އެބިން އޮތްވާ ކޮންވެންޝަން ސެންޓަރު ރޫޅާލަނީ އައްޑޫގައި ހުރި އެފަދަ ތަންތަން ގަސްތުގައި ވީރާނާ ކޮށްލަން ކަމަށެވެ.

އީސީސީގެ އެތެރެ ރޫޅާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ވަރަށް ބާރަށް ކުރިއަށް ގެންދާއިރު އެތަނުގައި އަޅާފައިވާ ކާޕެޓާއި، ބައެއް ތަކެތި ވަނީ އައްޑޫ ސްޓޭޑިއަމްގައި ގުދަން ކޮށްފައެވެ.
އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް އެތަން މިމަހުގެ ތެރޭގައި އެލިއާ ކޮންސްޓަރަކްޝަން އާއި ހަވާލު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އީސީސީ ވީރާނާކޮށް، އެތަނުގައި ހޮސްޕިޓަލެއް ހަދާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.