Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޑީސީސީއޭގެ ޓީމެއް މާދަަމާ އައްޑު އަށް

މޯލްޑިވިއަންގެ ކެބިން ކުރޫއެއް ހިދުމަތް ދެނީ: ކެބިން ކުރޫން ތަމްރީނު ކުރުމުގެ ކޯސްތަކެއް މާޗްގައި އޮންނާނެ. ފޮޓޯ/ މޯލްޑިވިއަން

އަންނަ މާޗް މަހުގެ 5 ވަނަ ދުވަހު ދިވެހި ކެބިން ކުރޫ އެކަޑަމީ (ޑީސީސީއޭ) އިން އައްޑޫގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކޯހާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެ އެކަޑަމީގެ ޓީމެއް މާދަމާ އައްޑު އަށް އައުމަށް ހަމަޖެހިފައިވާ އެ އެކަޑަމީން ބުނެފި އެވެ.

ޑީސީސީއޭގެ ފައުންޑަރު ހަސަން ހަލީމް މިއަދު ވިދާޅުވީ މާދަމާ އެ އެކަޑަމީގެ ޓީމުން ހިތަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި ހާއްސަ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ އެބަ ބާއްވަން މައުލޫމާތު ދޭ ސެޝަނެއް. ހިތަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައި. އެއީ އަޅުގަނޑުމެން ހިންގަން އުޅޭ ކޯސްތަކާ ބެހޭ ގޮތުން ކުރީ ބައިގައި މައުލޫމާތު ދޭން." ހަލީމް ވިދާޅުވި އެވެ.

މާދަމާ ހަވީރު 3:00 ޖަހާ އިރު ބާއްވާ ބައްދަލުވުމުގައި ވަރަށް ގިނަ މައުލޫމާތު ދޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

"މާދަމާގެ ބައްދަލުވުމުގައި އަޅުގަނޑުމެން އަންނަ ބައިވެރިންނަށް ކިޔައިދޭނަން، ކޯސް އޮންނާނެ ގޮތް، އެކަމުގެ ހުރި ފައިދާތައް، އަނެއްކޮޅުން ކޯހުގެ ކުރިން ބައްދަލުވީމަ ބައިވެރިންނަށް ވެސް އޮންނާނީ ތައާރަފް ވެފަ"

މާދަމާގެ ބައްދަލުވުމުގެ ތެރޭގައި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތަކަށް ފޯމްފުރައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

އައްޑޫގައި ކުރިއަށް ގެންދާ ކޯހުގެ ބޭސިކް ކޯހުގެ ފީއަކީ 3855.00ރ. އެވެ. އަދި ކޯހުގެ މުއްދަތަކީ 5 ދުވަހެވެ.
އެޑްވާންސް ކޯހުގެ ފީއަކީ 7710.00ރ. އެވެ. މުއްދަތަކީ 11 ދުވަހެވެ. އަދި މި ކޯސްތަކަށް ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 25 އެވެ.