Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ޗީތާ ނެތިދިއުމުގެ ބިރު ހީވެއްޖެ

ވައިލްޑް ކެޓް އާއިލާގެ މެމްބަރެއް ކަމަށްވާ ޗީތާ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވާން ފަށައިފި ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެންމެ ބާރަށް ދުވާ ޖަނަވާރު އެންޑޭންޖާރޑް ސްޕީޝީސްގެ ލިސްޓަށް އެންމެ އަވަހަށް އިތުރުވާނެ ޖަނަވާރަކަށް ޗީތާ ވާނެކަމަށް ދިރާސާކުރި ސައިންޓިސްޓުން ހާމަކޮށްފައިވެއެވެ.

ދުނިޔޭގައި މިހާރު 7،000 ޗީތާ ދިރިއުޅެމުން ދާކަމަށް ދިރާސާކުރި ސައިންޓިސްޓުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ޗީތާގެ އެންމެ ބޮޑު އާބާދީ ތިބި ހިސާބު ކަމަށްވާ އެފްރިކާ އަދި އޭޝިޔާގެ ސަރަހައްދުތައް ވަނީ ހިމާޔަތް ނުކުރެވި ކަމަށްވެސް މިދިރާސާގެ ބައިވެރިން ބުނެފައިވެއެވެ.

މިހިސާބުތަކުގައި ޗީތާއަށް ކާނާ ލިބުމަށް ދަތިވަމުންދާ ކަމަށާއި އިންސާނުން ކެއުމަށް ޖަނަވާރުތައް ޝިކާރަކޮށް ޗީތާތަކަށް ކާނެ އެއްޗެއް ނުލިބުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

އަދި ޅަ ޗީތާތައް ހިފައި، ބޮޑު އަގުގައި ވިއްކަމުންދިއުމާއި ބޮޑެތި ޖަނަވާރުތައްވެސް ޝިކާރަކުރުން އަދިވެސް ހުއްޓިފައިނުވާކަމަށް ދިރާސާ ޓީމުން ނެރުނު ރިޕޯޓުގައިވެއެވެ.

އެގޮތުން ޒިމްބާބްވޭގައި 1999 އިން ފެށިގެން 2015 އާއި ހަމައަށް %85 ޗީތާގެ އަދަދު ވަނީ ދަށްވެފައެވެ. އަދި އަދި ވައިލް ކެޓްއާއިލާގެ މެމްބަރުންގެ އަދަދު 1،200 އިން 170 އަށް ޒިމްބާބްވޭގައި ވަނީ މިހާރު ދަށްވެފައެވެ.

މިފަދަ ޖަނަވާރުތައް ދުނިޔެއިން ހުސްވެ، ނެތިދިގޮސް، އިކޯސިސްޓަމަށް ކުރާ ކޮންމެ ނޭދެވޭ އަސަރެއް އިންސާނުން ތަހައްމަލް ކުރަން ޖެހޭނެ ކަމަށް ދިރާސާގެ ބައިވެރިޔެއް ކަމަށްވާ ޑރ.ޑުރާންޓް ވަނީ ބުނެފައެވެ. އެހެންކަމުން ޖަނަވާރުން ހިމާޔަތް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޑރ.ޑުރާންޓް ވަނީ ތަކުރާރުކޮށްފައެވެ.