Last Updated: June 26, 06:30
Friday, June 26, 2026
ރިޕޯޓް

މި ސަރުކާރު ވަރަށް ތަފާތު، ވަރަށް ބޮޑަށް ޝުކުރިއްޔާ!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އާދަޔާ ހިލާފް ކަމުގެ ވާހަކައަކީ ދައްކައި ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ. އެމަނިކުފާންގެ އިގްތިސާދީ އެޖެންޑާގައި މިހިރަ ކަންކަމަކީ ބަޔަކު ހައިރާންކޮށްލާވަރުގެ ކަންކަމެވެ. މިފަދަ ވެރިއަކު ދިވެހި ގައުމަށް ލިބުނީތީ މިނިވަން މުވައްސަސާތަކާއި އިދިކޮޅު ފަރާތްތައް މިތިބީ އަތުން ވާގި ހުސްވެ، ދުލުން ކުޅު ހިކިފައެވެ. ބުނާނެ ބަހެއް ލިޔާނެ އެއްޗެއް ނޭގިފައެވެ.

އެމަނިކުފާންގެ ވެރިކަމުގެ 3 އަހަރު ކުރިކަންތައް ތައް ފާހަގަކުރަން ހަފްލާ ބާއްވަނީ އެހެންވެއެވެ. އެއްއަހަރު ފުރުމުން ބޮޑު ހަފްލާއެކެވެ. ދެއަހަރު ފުރުމުން އެއަށް ވުރެ ބޮޑު ރަސްމިއްޔާތެކެވެ. ތިން އަހަރު ވުމުން ހަފްތާއަކަށް ދިގުދެމިގެން ދިޔަ ކުޅިވަރު އީދެކެވެ. މުޅިންވެސް އީދެވެ. ހަވާއެރުވުމާއި މިއުޒިކް ޝޯވްތަކުން ފާހަގަ ކުރަނީއެވެ.

މި ވެރިކަމުގައި ހިންގާ ބައެއް މަޝްރޫއުތައް އެތައް ފަހަރަކު ކުރަންޖެހުނަސް އެއީ މައްސަލައެއް ނޫނެވެ. އެއީ މާކުރިން މިގައުމުގައި ވެރިކަން ކުރި މީހުންގެ ކަންކަން ހުރި ގޮތުން ހައްތާހަވެސް ދިމާވާ ކަންކަމެވެ. މާލެ ފެން ބޮޑުވަނީވެސް އެހެންވެއެވެ. ދުވާ ޓްރެކް ހަލާކުވަނީވެސް އެހެންވެއެވެ. އަދި ރަސްފަންނަށް އުދައަރައި އެތަން ހަލާކުވަނީވެސް ކުރިން ވެރިކަން ކުރެއްވި ބޭފުޅުންގެ ކަންތަކާއި ހުރެއެވެ.

ކޮންމެއަކަސް މި ކުރު މުއްދަތުގައި ހިންގި ބޮޑެތި ބައެއް މަޝްރޫއުތަކަށް ބަލާލާނަމެވެ. މާލޭ ހުޅަނގު ފަރާތުގައި ހެދި "ރަސްފަންނު" ކޮންމެ ހުޅަނގު މޫސުމަށް އާކޮށްލަން ޖެހެއެވެ. މައްސަލައެއް ނެތެވެ. ސުނާމީ ބިނާ ހުރިތަނުން އުފުރާލައިގެން ގޮސް އެހެން ތަނަކަށް ބަދަލުކޮށް ބޮޑު ރަސްމިއްޔާތަކާއިއެކު ހުޅުވާލީއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!

ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ބްރިޖް ބަލާލުމަށް އިތުރު ބްރިޖެއް އަޅައި އެތަން މިވަނީ ހުޅުވަން ތައްޔާރުވެފައެވެ. އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ނަން ބަދަލުކޮށް އިއްޔެ ރޭ އެތަން މިވަނީ "ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް" ބަދަލުކޮށްފައެވެ. ކުރު މުއްދަތެއްގައި މިހިރަ ނިންމަވާލާ ބޮޑެތި މަޝްރޫއުތައް ފެނި ރައްޔިތުން މިތިބީ ކޮސްވެފައެވެ. ޝުކުރިއްޔާއެވެ.

ރެއަކީ ވެސް ވަރަށް ތަފާތު ރެއެކެވެ. މާލޭ ބަނދަރުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް މި ސަރުކާރުން މިވަނީ އަގުބޮޑު ބޮޑެތި މެޝިން ގެނެސްފައެވެ. މިފަދަ މެޝިން ގެނެސް ހަމަ މަސައްކަތް ފެށުން އެހާ ރަނގަޅެއް ނޫނެވެ. އެހެންވެ ބޮޑު ހަފްލާއެއް ބާއްވައި އެ މަަސައްކަތް މިހާރު މިވަނީ ފަށާފައެވެ.

ބަނދަރަށް ގެނައި މެޝިނަރީޒް އިފްތިތާހް ކޮށްނިމިއްޖެއެވެ. އިގްތިސާދީ މިނިސްޓަރާއި ދައުލަތުގެ ވެރިން ރޭ ތިއްބެވީ އެބިޔަ ބޮޑު ހަފްލާގައެވެ. ކިހާ ބޮޑު އުފަލެއް ހެއްޔެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި މިފަދަ ކަމެއް ކުރިތޯއެވެ. މިއީ އަބަދުވެސް މިނިސްޓަރުން ރައްޔިތުންނާއި ކޮށްލާ ސުވާލެވެ. ޝުކުރިއްޔާއެވެ!

ރޭ މެޝިނަރީޒް އިފްތިތާހް ކުރުމަށްފަހު ދެން ބައެއް މެޝިނަރީޒްގެ ފޮރޮޅަށް ވައިޖެހުމުގެ ހަފްލާއެއްވެސް ފަހަރުގައި އޮވެދާނެއެވެ. އެރަސްމިއްޔާތަށް ވެސް އެންމެން ދާންވާނެއެވެ. އޭގެ ފަހުން މެޝިނަރީޒްތަކަށް ތެޔޮ އަޅަން ހަފްލާއެކެވެ. ކިހާ ފުރިހަމަ ހެއްޔެވެ؟ ޝުކުރިއްޔާއެވެ!

ދިވެހި ރައްޔިތުންނަށް މިފެންނަނީ ވަރަށް ތަފާތު ސަރުކާރެކެވެ. ނަންބޯޑު ބަދަލުކޮށް، މެޝިނަރީޒްތައް ގެނެސް އިފްތިތާހް ކުރާ ވަރަށް ފައްކާ ސަރުކާރެކެވެ. މި ސަރުކާރަށް އައްސަރި ބަހާއި ސާބަސް ނުދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެނެއެވެ. އަދި އެއްފަހަރު ޝުކުރިއްޔާއެވެ!

އެސްއީޒެޑް އާއި އެކު އައި އިންވެސްޓަރުން ރާއްޖޭގެ ރަށްތައް ގަނެލަނީ މަޖީދީ މަގުން ބިން ގަންނަ އަގަށް ވުރެ ކުޑަތަންކޮޅެއް ބޮޑުކޮށެވެ. މައްސަލައެއް ނެތެވެ. އިންވެސްޓަރުން އެތިބީ އުފަލުން ފޮޅިފައެވެ. ހެސްކިޔާފައި އިންވެސްޓަރުން ރާއްޖެއާއި ދިމާލަށް މިވަނީ މިސްރާބު ޖަހާފައެވެ. ރާއްޖޭގެ އިންގްތިސާދުގެ ދުވެލި ހުރި ސްޕީޑުން އެވާހަކަ ދެއްކެނީ މަދުބަޔަކަށެވެ. އެވެސް މައްސަލައެއް ނޫނެވެ.

އިގްތިސާދީ މިނިސްޓަރު ރޭ ވިދާޅުވި ގޮތަށް މި ތަރައްްޤީއަށް ހަސަދަވެރި ނުވެ، މިކަމުގައި ޝާމިލްވާންވީއެވެ. މިއީ ކިހިނެއް ކޮން ގޮތަކަށް ހިގާކަމެއްތޯ ބާލާނެ ބޭނުމެއް ނެތެވެ. ތަރައްޤީ ޔަގީން ކުރާށެވެ.