އީސީސީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެތަނުގައި ހުރި ހިފާ ގެންގުޅޭ ސާމާން ހުސްކުރުން ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ވިދާޅުވީ ތަން ހުސްކުރުމަށްފަހު ކޮންޓްރެކްޓަރ އާއި މިމަހުގެ ތެރޭގައި ތަން ހަވާލު ކުރެވޭނެކަމަށެވެ. އީސީސީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަން އާއިއެވެ.

161 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެތަން ހޮސްޕިޓަލަކަށް ބަދަލުކޮށް އަންނަ އަހަރުގެ މެއި މަހު ތަން ހުޅުވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އީސީސީ ރޫޅާލައި އެތަނުގައި ހޮސްޕިޓަލެއް ހަދާތީ، އައްޑޫގެ ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ ކޮންވެންޝަން ސެންޓަރު ހަލާކުކޮށްގެން ހޮސްޕިޓަލެއް އެޅުމުގެ ބަދަލުގައި ހޮސްޕިޓަލް އަޅަން ދިން ބިމުގައި ހޮސްޕިޓަލް އެޅުން މުހިއްމު ކަމަށެވެ. ނަމަވެސް މިވާހަކަތަކަށް ސަރުކާރުން އިޖާބަދީފައިނުވެއެވެ. ސަރުކާރުން ބުނީ ހޮސްޕިޓަލް އަޅާނީ އީސީސީ ރޫޅާލުމަށްފަހު ކަމަށެވެ.

އީސީސީ ރޫޅާލައި އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރާއިރު މިއަހަރު ތެރޭ ލ.ކައްދޫގައި ކޮންވެންޝަން ސެންޓަރެއް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.