ހިތަދޫގައި ސަރުކާރުން އަޅާނެ ކަމަށް ކިޔާ ޓާޝަރީ ހޮސްޕިޓަލްގެ ކުރެހުމަށް 4.5 މިލިއަން ރުފިޔާ ހަރަދު ކުރައްވައި، އަދި އެބިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ނިކުންނަވައި ސާފުކޮށްފައި ވަނިކޮށް މުޅި ހޮސްޕިޓަލްގެ ޕްލޭން މިވަނީ ބަދަލުވެފައެވެ.
2014 ވަނ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ރިޔަން ކުންފުންޏާއި ހަވާލުކޮށް ހޮސްޕިޓަލް ޑިޒައިން ވަނީ ނިންމާފައެވެ. އަދި އެއަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފެދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އާއި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ނިކުމެ، އެމްއާރްޑީސީ އާއި ސަރުކާރުގެ ބައެއް ވެރިން ވަނީ ހޮސްޕިޓަލް އަޅާ ބިން ސާފުކޮށްފައެވެ.
އެދުވަހު ބިން ސާފުކުރެއްވުމަށްފަހު އިބްރާހިމް ދީދީ އާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ވިދާޅުވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެކަމަށެވެ.

ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސައޫދީ ފަންޑުން 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޯ ނޭޝަނަލް ޑިވްލޮޕްމަންޓް (އޯފިޑް) 8.5 މިލިއަން ޑޮލަރުގެ ލޯނެއްވަނީ ލިބިފައެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ 323 މިލިއަން ދިވެހި ރުފިޔާއެވެ.

ހޮސްޕިޓަލްގެ ޑިޒައިނިން ލިބުމުން ސަރުކާރުން ދެން ވިދާޅުވީ، އަލަށް ލިބުނު ޑިޒައިނަށް ހޮސްޕިޓަލް އަޅާނަމަ އިތުރަށް ފައިސާ ބޭނުންވާނެކަމަށެވެ. އެވާހަކަ އެގޮތަށް ދެއްކުމަށްފަހު ދެން އަހަރެއްހާ ދުވަސް ފަހުން ސަރުކާރުން އިއްލާން ކުރެއްވީ ހިތަދޫ ކޮންވެންޝަން ސެންޓަރ ރޫޅާލައި އެތަނުގައި ހޮސްޕިޓަލް އެޅުމަށެވެ.
އެގޮތުން އީސީސީގައި ހޮސްޕިޓަލެއް އެޅުމަށް އެލިއާ ކޮންސްޓަރަކްޝަން އާއި ސަރުކާރުން ހަވާލުކުރީ 161 މިލިއަން ރުފިޔާއަށެވެ. އައްޑޫ ހޮސްޕިޓަލް އެޅުމަށް ސަރުކާރަށް ލިބުނު 323 މިލިއަން ރުފިޔާގެ ތެރެއިން 161 މިލިއަން އީސީސީގައި ހޮސްޕިޓަލް ހެދުމަށް ހަރަދުކުރުމަށް ފަހު 162 މިލިއަން ބާކީވެއެވެ. އޭގެއިން ހިތަދޫ ހޮސްޕިޓަލަށް ހަރަދު ކުރޭ ބާވައެވެ؟
ހޮސްޕިޓަލްގެ ބިން ސާފުކޮށް، ކުރެހުމަށް ހަރަދުކޮށް އެންމެ ފަހުން އެހެންތަނަކަށް ހޮސްޕިޓަލް ބަދަލު ކުރުމަކީ ވަރަށް ދެރަކަމެކެވެ. އަމުދުން އައްޑޫގައި ހުރި ބިނާއެއް ރޫޅާލައި ހޮސްޕިޓަލް ހެދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލެއް ނުކުރެވެއެވެ.