ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް މަހުގެ ތެރޭގައި ބާއްވަން ނިންމައި އަންނަ ހަފުތާގައި ތާރީހެއް އިއުލާންކުރާނެ ކަމަށް، ގައުމީ ލަފާ ދޭ ކޮމެޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން އިލެކްޝަނުން ދީފައިވާ ކަމަށެވެ.
ނިޔާޒު ވިދާޅުވި ގޮތުގައި އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް ނިންމުމުން އެކަމަށް ތާ ޕީޕީއެމާއި އެމްޑީއޭ ފިޔަވައި ހުރިހާ ޕާޓީތަކަށް ވެސް އެއްބަސްވެވުނު ކަމަށް ނިޔާޒް ވިދާޅުވި އެވެ.
އިލެކްޝަންސްގެ ޤައުމީ ލަފާ ދޭ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީޕީއެމާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ބައިވެރިއެއް ނުވެ އެވެ.
"ޕާޓީތަކުން މިއަދު ވެސް އެދުނީ ވީހާ ވެސް އަވަހަކަށް އިންތިހާބު ބާއްވަން. އެކަމުގައި ހުރަސްތަކެއް ހުރި ނަމަ، އެ ކަންކަން ހައްލުކޮށް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް މިހާރު ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް އެއްވެސް ދަތިތަކެއް ކުރިމަތިނުވާނެ ގޮތަކަށް އިންތިހާބުގެ ހުރިހާ ކަމެއް ގެންގޮސްދޭން ވެސް ޕާޓީތަކުން ވަނީ އެދިފަ އެވެ. އެކަމަށް ވެސް އެއްބަސްވެ، ކެންޑިޑޭޓުންނަށް ވީހާ ވެސް ލުއިވާނެ ގޮތަކަށް އިންތިހާބު ކުރިއަށް ގެންދާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.